ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.
އެގޮތުން އެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގުމާއި ގުޅިގެން މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އަލުން ވަނީ މިއަދު ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ލޭންޑްސްކޭޕިންގ މަސައްކަތަށް ބޭނުންވާ ހުރިހާ ޕޭވިންގ ބްލޮކެއް އާރުޑީސީއިން ވަނީ މިލަންދޫއަށް ގެންގޮސްފައެވެ.
ށ.މިލަންދޫ މޮނިޓަރިންގްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައުމުން އަލުން އަނބުރާ މަސައްކަތް ވަނީ ފެށިފައި.
#ޓީމްއާރުޑީސީ pic.twitter.com/Q5ICUuxGN2
— Road Development Corporation Ltd (@rdcmaldives) June 10, 2021
މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ށ. މިލަންދޫގެ މަގު ހެދުމުގެ މަޝްރޫއުގައި 8 މަގެއްގައި ތާރު އަޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން މިލަންދޫގައި 6.15 ކިލޯ މިޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 156.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. 520 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޝަރުތުކޮށް އާރް.ޑީ.ސީއާ މި މަޝްރޫއު ހަވާލުކުރެވުނީ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ.