ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ކަމަށްވާއިރު ދައުރު ބަދަލުވާން ޖެހޭނީ ވެސް އެ ދުވަހު ކަމަށާއި ގާނޫނީ ހުރަސްތައް ނައްތާލައި އެ ދުވަހަށް ދައުރު ނިންމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 11، 1968 ގައި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ފެށުމާ ގުޅިގެން ކޮންމެ ވެރިކަމަކަށް އަހަރު ފުރޭ ދުވަސް ގޮތުގައި ފާހަގަ ކުރަމުން އަންނަނީ އެ ދުވަހެވެ. އެހެން ނަމަވެސް 2013 ގެ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އެ ދުވަސް ލަސްވެ، އާ ދައުރު ފެށުނީ ނޮވެމްބަރު 17 އަށެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިމި، ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ ވެސް ނޮވެމްބަރު 17 ގައެވެ.

ރާއްޖެޓީވީއަށް ރައީސް ސޯލިހު މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ކަމަށްވާއިރު ވެރިކަމަށް އަހަރު ދުވަސް ފުރުން ފާހަގަ ކުރާނީ ވެސް އެ ދުވަހަށް ކަމަށެވެ.

"ކުރިން ހުންނެވި ބޭފުޅަކު އަމަލު ކުރެއްވި ގޮތުން އެ ދުވަސް ކައްސާލައިގެން ފަހަތައް ގޮސްފަ. އެހެން ވިޔަސް ރާއްޖޭގެ ޖުމްހޫރީ ތާރީހަށް ބަލާއިރު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފާހަގަ ކުރަން އެންމެ އައުލާކަން ބޮޑީ ނޮވެމްބަރު 11 ވަނަ ދުވަސް،" ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ދައުރު ނިމޭއިރު އިތުރު ހަތް ހަ ވަރަކަށް ދުވަހު ނުހުންނަވާނެ ކަމަށް ކުރިން ވެސް އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެކަން ކުރުމަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

"އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިއެކޭ ވެސް އެއްގޮތައް ނޮވެމްބަރު 11 އަކީ އެއީ ދައުރު ބަދަލުވާ ދުވަސް ކަމަށް ހަދަން. އެހެން ނަމަވެސް އެކަން ކުރެވޭނީ ގާނޫނީ ގޮތުން ހުރި ބައެއް ހުރަސްތައް ނައްތާލައިގެން. އެހާ ހިސާބަށް ދާއިރު އަޅުގަނޑު އެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.