ކޯޕަރޭޓް ރެޒިޑެންޓް ވިސާ ލިބޭ ފަރާތްތަކަށް ބޮޑެތި އިނާޔަތްތައް ދިނުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީއިން މިކަން ހާމަކުރީ ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙިއްޞާކުރަމުން އަންނަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި އިކޮނޮމިކް މިނިސްޓްރީއިން ބުނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އިމިގްރޭޝަން ޤާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވާ ކަމަށެވެ. އަދި އެ ގަވާއިދާއި އެކު، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސަރވިސް ފަދަ ޚިދުމަތްތައް ޕްރޮމޯޓުކުރަމުން އެދުވަސްވަރު އައިސްފައިވާ ކަމަށް ބުނެފައިވެއެވެ.
އެހެން ނަމަވެސް މިފަދަ އިނާޔަތްތައް ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަން ޤާނޫނަށް ގެނެވުނު އިޞްލާޙު ގެޒެޓުކުރެވުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާނީ، އެ އިޞްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ޤާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި، ދިވެހިރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ 5 އަހަރުން އައު ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް މި ބަޔާނުގައިވެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން، ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން، ޓޫރިސްޓު ވީޒާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި، ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަދި، ކުރިއެކޭ އެއްގޮތަށް، ރާއްޖޭގައި، އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަ ހޯދައި، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް ލާޒިމުވާނެ ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ ދިވެހި ރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ތަޢާރަފުކޮށްފައިވާކަމަށް ބުނެ، މަޢުލޫމާތު ދެމުންދާތީ، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޢާންމުންނާއި ޙިއްޞާކުރުމަށް އިލްތިމާޞްކޮށްފައެވެ.