ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަހުމަދު ލަތީފުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ، އަހުމަދު ލަތީފުގެ މައްޗަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު އަމަލެއް ކަމަށެވެ.
އެހެންވެ، ޖޭއެސްސީން ނިންމީ އަހުމަދު ލަތީފަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގުމަށެވެ.