ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކޮލިން ފެނާންޑޭޒްގެ އައު ވީޑިއޯލަވައެއް އިއްޔެ ރިލީޒްކޮށްފައެވެ.
" ޕާނީ ޕާނީ" މި ލަވައިގައި ޖެކޮލިން އާއި އެކު ފެނިގެންދާނީ ލަވަކިޔުންތެރިޔާ ބާދްޝާހްއެވެ. އަދި މި ލަވަ ކިޔާފައިވަނީ ބާދްޝާހު އާއި އާސްތާ ގިލް އެވެ.
ރާޖަސްތާންގައި ޝޫޓްކޮށްފައިވާ މިލަވައިގައި ޖެކޮލިން ފެނިގެންދަނީ ރާޖަސްތާންގެ ސަގާފީ ހެދުމެއްގައެވެ. ބޭނުންކޮށްފައިވަނީވެސް ހެދުމާއި ގުޅޭ ސަގާފީ ޖުވެލަރީސްއެވެ. މިލަވަ އިއްޔެ ރިލީޒް ކޮށްފައިވާއިރު މިލަވައިގައި ޖެކޮލިންގެ ކޮސްޓިއުމާއި މޭކަޕް، ޖެކޮލިންގެ ނެށުމުގެ އިތުރުން ލަވައިން ފެންނަ ގުދަރަތީ ހިތްގައިމު ރީތީ މަންޒަރުތަކަށް ފޭނުން އަންނަނީ ތައުރީފް ކުރަމުންނެވެ.
"ޕާނީ ޕާނީ" މި ލަވައާ ގުޅޭގޮތުން ލަވަ ވީހާވެސް ފުރިހަމަކޮށް ގެނެސްދިނުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ބެލުންތެރިންނާއި ފޭނުން ހިތްހަމަޖެހޭވަރަށް އޭނާގެ ހުރިހާ މަސައްކަތެއްވެސް ފުރިހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް ބާދްޝާހް ބުނެފައިވެއެވެ.
މީގެ ކުރިންވެސް ޖެކޮލިން އާއި ބާދްޝާހްގެ ވީޑިއޯ ލަވައަކުން ފެނިގެންގޮސްފައެވެ. މިދިޔަ އަހަރު ރިލީޒްކުރި "ގެންޑާ ޕޫލް" މިލަވަވެސް ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލު ލަވައަކަށް ވެގެން ގޮސްފައެވެ. މިލަވަ ވަނީ ޔޫޓިއުބްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 4 ވަނަ އަށް އެންމެ ގިނަ މީހުން ބެލި ލަވައަށް ވެގެން ގޮސްފައެވެ. "ގެންޑާ ޕޫލް" އެކޭ އެއްގޮތަށް "ޕާނީ ޕާނީ" ވެސް ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.
"ޕާނީ ޕާނީ" ވެސް ރިލީޒް ކުރިތާ ގަޑިއެއްހާއިރު ތެރޭގައި 4 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.
ޖެކޮލިން ވެލުންތެރިންނަށް އެންމެ ފަހުން ފެނިގެން ގޮސްފައޮވަނީ ސަލްމާން ޚާންގެ ފިލްމް "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއި" ގައި ޚާއްސަ ލަވައެއް ކަމަށްވާ "ދިލް ދޭ ދިޔާ" އިންނެވެ.
ޖެކޮލިންގެ ކުރިއަށް ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު "ބަޗަން ޕާންޑޭ"، "ބޫތް ޕޮލިސް"، "އެޓްރެކްޓް"، "ސާރކަސް"، "ރާމް ސީތޫ" ހިމެނެއެވެ.