ކުދިންގެ ހިތާނަ ޕާޓީތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން ޝޯތައް ބޭއްވުން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ ވަނީ ހިތާނަ ކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި އަމަލު ކުރާނެ ގޮތްތަކާބެހޭ އުސޫލެއް އާންމުކޮށްފަ އެވެ.
އެ އުސޫލުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ހިތާނަ ކުރުމުގެ ހަރަކާތްތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އެގޮތުން ބޭރުގެ ތަންތަނުގައި ކުދިން ބޭއްވުމުގެ ބަދަލުގައި އަމިއްލަ ގޭގައި ކުދިން ބައިތިއްބަން އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. އަދި އެ ކުދިން ބައިތިއްބާއިރު އެތަން ސާފުތާހިރުކޮށް މަދުވެގެން ތިން ފޫޓުގެ ދުރުމިން ހުންނަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މީގެ އިތުރުން އެއްފަހަރާ މީހުން ޖަމާވާނެ ގޮތް ނުހެދުމާއި ގެޔަށް އަންނަ މީހުން މަޑު ނުކުރުމަށް ބާރު އެޅުމަށް ވެސް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެ އެވެ. އަދި ގިނަ މީހުން އެއްވާ ގޮތައް ޕާޓީތަކާއި މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ހަފްލާތައް ވެސް ނުބޭއްވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މީގެ ކުރިން ވެސް އެޗްޕީއޭ އިން އަމަލު ކުރަން އަންގާފައިވާ އުސޫލުތަކާ އެއްގޮތައް އަމަލު ކުރުމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.