އެލްޖީއޭ ބޯޑު ބައްދަލުމުއްގެ ތެރެއިން | ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން އިންތިހާބު ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ވޯޓް ކަރުދާސް އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ  އެލްޖީއޭ ބޯޑު އިންތިޚާބުގެ ވޯޓް ކަރުދާހާއި، ވޯޓު ފޮއްޓާއި އަދި އެހެނިހެންތަކެތި މިއަދު ހެނދުނު 8:00 އިން ފެށިގެން އަތޮޅުތަކަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެކެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ. ޑރ. މުއިއްޒުއަށް ކެނޑިޑޭޓް ނަންބަރު 1 ލިބިލެއްވިއިރު ރަފީގަށް ލިބިލެއްވީ 2 އެވެ.

ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ހަތް ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އެއީ،

  1. އަބްދުﷲ ޒާމިރު (ހދ. ވައިކަރަދޫ ކައުންސިލް ރައީސް، އެމްޑީޕީ)
  2. އަހްމަދު އިބްރާހިމް (ގއ. ދާންދޫ ކައުންސިލް މެމްބަރު، އެމްޑީޕީ)
  3. ހުސައިން ޔާމީން މުހައްމަދު (ކ. ގުރައިދޫ ކައުންސިލް ރައީސް، ޕީޕީއެމް)
  4. އަބްދުﷲ ވަހީދު (ފ. މަގޫދޫ ކައުންސިލް ރައީސް، އެމްޑީޕީ)
  5. އަހްމަދު ކަރަމް (އއ. ތޮއްޑޫ ކައުންސިލް ރައީސް، އެމްޑީޕީ)
  6. މުހައްމަދު ރަޒީފް (ހއ. ފިއްލަދޫ ކައުންސިލް މެމްބަރު، އެމްޑީޕީ)
  7. މުހައްމަދު އިލްހާމް (ހދ. ނެއްލައިދޫ ކައުންސިލް މެމްބަރު، އަމިއްލަ ގޮތުން)

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުގެ ގޮނޑިއަށް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. އެ މަގާމަށް ނިމާލް ހޮވިވަޑައިގަތީ އިތުރު ކެނޑިޑޭޓަކު ސުންގަޑި ހަމަވިއިރު ކުރިމަތިލައްވާފައި ނުވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.