ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކާއި ގުޅިގެން މިއަދަށް ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލްކޮށްފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރުމުން އޭނާ ވަނީ ގައުމުން ބޭރަށް ފުރާފައެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 7 ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު، ރާއްޖެއިން ފުރައިގެން ދިއުމަށް ޕާސްޕޯޓް ދޫކޮށްލާފައި ވަނީ 4 މަސް ދުވަހަށެވެ. މިދިޔަ ފެބްރުއަރީ މަހު 9 ވަނަ ދުވަހު އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެންނެވެ.
އަލީ ވަހީދު ވަނީ އޮންލައިންކޮށް ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވާން އެދިފައެވެ. އެހެން ނަމަވެސް އަދި އެ މައްސަލާގައި ގޮތެއް ނިންމާފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބުނެފައެވެ.
އަލި ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.
އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.
މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި ދައުލަތުން ދައުވާ އިއްވުމުން، އަލީ ވަހީދު ވަނީ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކުރައްވަފަ އެވެ.