އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
'ދަ ހިންދޫ' ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދު ވަނީ ހުރިހާ ގައުމަކަށް ހަމަހަމަކަމާއި އެކު ވެކްސިން ފޯރުކޮށްދިނުމަށް އދ. ގެ އިސްވެރިން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ވެސް މަސައްކަތް ކުރައްވާނީ އެ އަމާޒުގައި ކަމަށް ވިދާޅުވިއެވެ.
ކޮވިޑްގެ މި ހާލަތުގައި ހުރިހާ އެންމެންގެ ރައްކާތެރިކަން ބިނާވަނީ ވެކްސިންގެ މައްޗަށް ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ކޮންމެ ހާލަތެއްގައި ވެސް 'ވެކްސިން ނެޝަނަލިޒަމް' ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ތަފާތުކުރުމެއްނެތި، އިންސާފުވެރިކަމާއި އެކު ހުރިހާ ގައުމަކަށް ވެސް ވެކްސިން ފޯރުކޮށްދިނުމަކީ އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތެއް ކަމަށެވެ.
"ތަރައްގީވެފައިވާ ގައުމުތަކުގައި ކޮންމެ ފަސް މީހަކުން އެކަކު ވަނީ ވެކްސިން ޖަހާފަ. އެކަމަކު ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު، ވެކްސިން ޖެހީ ކޮންމެ 500 މީހުންގެ ތެރެއިން އެކަކު. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ގައުމުތަކާއި ގުޅިގެން މަސައްކަތްކޮށް، ވެކްސިންގެ ދަތިތައް ހައްލުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިންޑިއާއިން ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރުން މެދުކެނޑުމަކަށް އައިސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެ ގައުމުން ވެކްސިން ފޯރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ތޯ ޝާހިދާއި ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އިންޑިއާގެ ގޯސްވެފައިވާ ހާލަތާއި އެކު ވެކްސިން އެކްސްޕޯޓް ކުރުން މެދުކަނޑާލަން ނިންމި ނިންމުން ގަބޫލުކުރައްވާ ކަމަށެވެ.
މީގެއިތުރުން އަބަދުވެސް އިންޑިއާގެ އިސްވެރިންނާއި އެކު މިކަމާއި ގުޅިގެން މަޝަވަރާކުރައްވާ ކަމަށާއި މިހާރުވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.