ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަދި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ޓީމުގެ ތަމްރީންތަކާއި ގުޅިއްޖެއެވެ.

މި ދެ ކުޅުންތެރިންނަށް ގައުމީ ޓީމު އެންމެފަހުން ސީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެވިފައިނުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ފުރިހަމަކުރަން ޖެހޭ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހުމުންނެވެ. އެހެން ނަމަވެސް މިއަދު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި އެ ދެ ކުޅުންތެރިން ވެސް ބައިވެރިވެފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމާއެކު ދަގަނޑޭ މިދިޔަ މަހުގެ 13 ވަނަ ދުވަހު ހޮޓެލް ޖެންގައި ކޭމްޕްކުރި އިރު، އޭގެ ހަތަރު ދުވަސްފަހުން އޭނާ ވަނީ އަންހެނުން ކޮވިޑަށް ޕޮޒިޓީވް ވުމާއެކު، ޕްރޮޓޮކޯލްގެ ދަށުން އެކަހެރިވެ ކޭމްޕުން ވަކިވެފައެވެ. ނަމަވެސް ކޮވިޑަށް ހެދި ޓެސްޓުތަކުން ނެގެޓިވް ވެފައިވާޓީ ދަގަނޑޭ ވަނީ އަނބުރާ ޓީމާ ގުޅިފައެވެ.

ދަގަނޑޭ އާއި ތޮއްޕެ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ކޮލިފައިން މެޗަށް ޗައިނާއަށް ފުރުމުގެ ކުރިން ދުބާއީގައި ހެދި "ޕީސީއާރް" އަދި ލޭ ޓެސްޓުންނެވެ. މިއާއެކު މި 2 ކުޅުންތެރިން ދުބާއީގައި 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ވަނީ ފުރިހަމަކޮށްފައެވެ. ދަގަނޑޭ ޕޮޒިޓިވްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ތޮއްޕޭ ޕޮޒިޓިވްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ޗައިނާއަށް އެރުމަށް އެގައުމުގެ ސަރުކާރުން ޓީމުތަކަށް ހުއްދަ ނުދިނުމާއި ގުޅިގެން ކޮލިފައިންގެ މެޗުތައް ކުޅެން ނިންމާފައިވަނީ ދުބާއީގައެވެ. މި ދެ ކުޅުންތެރިންނާއި ނުލައި މިދިޔަ ހުކުރު ދުވަހު ސީރިއާ އަތުން ރާއްޖެ ވަނީ 4-0 އިން ބަލިވެފައެވެ. އަންނަ ހުކުރު ދުވަހުގެ ރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު އަންނަ އަންގާރަ ދުވަހުގެ ރޭ ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.