މިނިސްޓަރ އޮފް ހޯމް އެފަރޒް އިމްރާން ޢަބްދުﷲ މާފުށި ޖަލަށް ޒިޔާރަތްކުރައްވައި، ހައި ސެކިއުރިޓީ ޔުނިޓްތަކުގައި ތިބި ގައިދީންނާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު މިނިސްޓަރ އިމްރާން ކުރެއްވި މި ޒިޔާރަތުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދެ ބޭފުޅުންވަނީ ހައި ސެކިއުރިޓީ ޔުނިޓްތަކުގެ ކަންތައްތައް ބައްލަވާލައްވާފައެވެ. އެގޮތުން، ގޮޅިތަކަށް ވަކި ވަކިން ޒިޔާރަތްކުރައްވައި، އެ ގޮޅިތަކުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް އައްސަވާފައިވެއެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލު ހޯދޭނެ ގޮތްތައްވެސް ވަނީ ބައްލަވާފައެވެ.

މި ސަރުކާރުން ދަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ކުށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ރާއްޖެއިން އިންސާނީ ހައްގަށް ކުރާ މަސައްކަތް ރިވިއު ކުރަން އދ.ގެ ޖެނީވާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި (ޔުނިވާސަލް ޕީރިއަޑިކް ރިވިއު)ގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރ އިމްރާން ފާހަގަކުރެއްވި ގޮތުގައި، މިހާރު ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖަލުތައްފުރި ޖާގައަށްވުރެ ގައިދީން އިތުރުވުމެވެ. އިމްރާން ފާހަގަކުރެއްވި ގޮތުގައި މިކަމުގެ އަސްލަކީ އެދެވޭ މިންވަރަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ނުހިންގުމެވެ.

އެހެންކަމުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިންނާއި، މުޖުތަމައުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ފަހިކޮށްދީގެންނާއި، ވޮކޭޝަނަލް ޕްރޮގްރާމްތަކުގެ ތެރެއިން ކުށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުންވެސް، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތައް އޮޑިޓްކޮށް، ރަނގަޅުކުރަންޖެހޭ ކަންތައްތައްވެސް ވަނީ ދެނެގަނެވިފައެވެ. އަދި، ބޮޑެތި ކުށްކޮށްފައިވާ ގައިދީންނާއި ކުދި ކުޑްތަކުގައި ޖަލަށްލެވިފައިވާ ގައިދީން ވަކިކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރަމުންނެވެ. ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަރެކްޝަނަލް ސަރވިސްގެ ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑެއްވެސް ވަނީ އުފައްދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.