އައްޑޫ ސިޓީގެ ފޭދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ޓުވިޓަރ

އައްޑޫގެ ބިން ހިތްކުމުގެ މަސައްކަތް މިއަހަރު ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ނެރެފައިުވާ ނޫސްބަޔާނެއްގައި ބުނެފިއެވެ.

އިންޑިއަން ހައި ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނީ، އައްޑޫގެ ބިން ހިތްކުމުގެ މަސައްކަތުގެ ބިޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި ހިނގާ ޖޫން މަހުގެ 15 ދުވަސް ކަމަށްވާއިރު، ބައިނަލްއަގުވާމީ 4 ޑްރެޖިން ކުންފުންޏަކުން އެ ކުންފުނިތަކުގެ އިންޑިއާގެ ސަބްސިޑިއަރީތައް މެދުވެރިކޮށް ބިޑް ހުށަހަޅާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނީ، މި މަޝްރޫއު ހަވާލުކުރާ ކުންފުނި ހޮވުމުގެ ކުރިން، ބިޑްތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވޭލުއޭޝަން ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށެވެ. އަދި ބިޑް ހުށަހެޅުމުގެ ފަހު ތާރީހަށް ފަހު، 4-5 ހަފްތާގެ ތެރޭގައި ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށްވެސް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

އައްޑޫ ބިން ހިތްކުމުގެ މަޝްރޫއުގެ ދަށުން އެ ސިޓީގެ 228 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އިންޑަސްތްރިއަލް ބޭނުންތަކަށާއި، ކޮމާޝަލް ބޭނުންތަކުގެ އިތުރުން ރެސިޑެންޝިއަލް ބޭނުންތަކަށް  އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ އިން 38 ހެކްޓަރުގެ ބިމާއި 5 ހެކްޓަރުގެ ބިން ހިތްކައި ދޫކުރުމަށް ހަމަޖެހިފައެވެ. އަދި މަރަދޫ/މަރަދޫފޭދޫ އިން 75 ހެކްޓަރުގެ ބިން ހިތްކުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

އައްޑޫ ބިންހިތްކުމުގެ މަޝްރޫއުއަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓް މަޝްރޫއުތަކުގެ ކޮމްޕޯނެންޓްތަކުގެ ތެރެއިން 75-65 އިންސައްތަ ސޯސްކުރެވޭނީ އިންޑިއާއިން ކަމުގައި ވީނަމަވެސް، މި މަސައްކަތުގެ ހާއްސަ ރިކުއަޔަމެންޓްތައް ހުރުމުގެ އިތުރުން، ރައިސުލްޖުމްހޫރިއްޔާގެ ހާއްސަ އެދިލެއްވުމުގެ މަތިން އިންޑިއާއިން ސޯސްކުރާ ކޮމްޕޯނެންޓްތަކުގެ އަދަދު ވަނީ 55 އިންސައްތައަށް ކުޑަކޮށްފައެވެ.

އައްޑޫ ބިން ހިތްކުމުގެ މަޝްރޫއުގެ ދަށުން ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން ރިސޯޓް ތަރައްގީކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި ފަޅު ހިއްކުމަށް ވެސް ނިންމާފައިވެ އެވެ. އަދި ހަތަރު ތަރީގެ 'ލެގޫން ރިސޯޓް' ތަރައްގީކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމުގެ ގޮތުން 25 ހެކްޓަރުގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމަށްވެސް ވަނީ ހުށަހަޅައިފަ އެވެ.

އައްޑޫ ބިންހިތްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ހަރަދުވާނެކަމަށް ލަފާކުރެވިފައިވަނީ 75-70 މިލިޔަން ޑޮލަރެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 24 މަސްދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.

އައްޑޫ ސިޓީ ތަރައްގީކޮށް ކުރިއެރުވުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް މުހިންމު ވައުދު ފުޅެކެވެ. އެގޮތުން، އެގޮތުން އެ ސިޓީގެ އިގްތިސޯދު ކުރިއަރުވައި، ޓޫރިޒަމްގެ އިތުރުން މަސްވެރިކަންވެސް ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ވަނީ ވައުދުވެވަޑައިގެންފައެވެ.

ހަމަމިޔާއެކު، އައްޑޫ ސިޓީގެ ހޯލްސޭލާއި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް ޕްރައިވެޓް އިންވެސްޓަރުން އައްޑޫއަށް ގެންގޮސްދިނުމަށް އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު (އޭޑީޕީ) ގެ ނަމުގައި ވަނީ ބޮޑު މަޝްރޫއެއް ފައްޓަވާފައެވެ. އަމާޒަކީ އައްޑޫ ސިޓީއަކީ ޒަމާނީ އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރއްގީ ކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.