ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތޭރަ އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. 2018 ވަނަ އަހަރުގެ ތެރޭގައި ގުރައިދޫގެ ބަނދަރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގުރައިދޫގެ ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގައި ބޮޑު ހިލަ ޖަހައި 370 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި އެއްގަމު ތޮށިން ބޭރުން ތޮށްޓައް އެރުމަށް ވޯކްވޭއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ފަޅު ފުންކުރުމާއި ނެރު ފުންކުރުމުގެ އިތުރުން ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލައި ފަސް މީޓަރުގެ ފުޅާ ޕޭވްމަންޓް ގާއިމްކުރެވިގެންދާނެއެވެ. 

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 28 އިންސައްތަ މިހާރުވަނީ ނިމިފައެވެ. އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ 9 އިންސައްތަ ނިމިފައިވާކަމަށްވެސް އެމްޓީސީސީއިންވަނީ ހާމަކޮށްފައެވެ.

ތ. ގުރައިދޫގައި ބޭނުންކުރަމުން އަންނަ ބަނދަރަކީ މީގެ 20 އަހަރު ކުރިން އެޅި ބަނދަރެކެވެ. އެ ބަނދަރު ހަލާކުވެ ރައްޔިތުންނަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން 2014 އަދި 2015 ވަނަ އަހަރުވެސް ބަޖެޓުގައި ބަނދަރު ހެދުމަށް ހިމެނި ނަމަވެސް، އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 1 އޮކްޓޯބަރު 2019 ގައެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް 46,015,832 ރުފިޔާ ހަރަދުކުރެވިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.