ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އެދިފައި ވާތީ، އޭނާއަށް އެ ފުރުސަތު ދިނުމާމެދު މާދަމާ ގޮތް ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން ޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، އޮންލައިންކޮށް ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދުގެ ފަރާތުން އެދި، އެ ކޯޓަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަސް އެ މައްސަލާގައި ގޮތެއް ނިންމާފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނަ ކުރި މައްސަލާގައި 7 ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު، ރާއްޖެއިން ފުރައިގެން ދިއުމަސް ޕާސްޕޯޓް ދޫކޮށްލާފައި ވަނީ 4 މަސް ދުވަހަށެވެ. މިދިޔަ ފެބްރުއަރީ މަހު 9 ވަނަ ދުވަހު އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެންނެވެ.
އަޑުބަރޭ ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ, ހަތަރު މަސް ދުވަހުގެ މުއްދަތުގައި އަލީ ވަހީދު ނުފިލާނެ ކަމަށާއި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެ އަނބުރާ ގެންނާނެ ކަމަށެވެ. އަދި އޭނާގެ އިހުމާލުން ލިޔުމުގައިވާ ކަންތައްތައް ފުރިހަމަ ނުކުރެވިއްޖެނަމަ އޭނާއާމެދު ފިޔަވަޅު އެޅޭނެކަން އެނގޭ ކަމަށް ވެސް އެ އިގުރާރުގައި ބުނެފައިވެއެވެ.