ދ. އަތޮޅުގައި ހިންގަމުންދާ ކަނޑިންމަ ރިސޯޓްގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، އެއް މުވައްޒަފަކު މަރުވެފައިވާއިރު އެ މައްސަލާގައި ރިސޯޓް އިހުމާލުވެފައިވާ ކަމުގެ ހެކި އެބަހުރި ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ. 

ދ. މާއެނބޫދޫ، ދިލްބަހާރުގެ، އާދަމް ނަސީރުގެ މަރުގެ މައްސަލާގައި އާމިރު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލަ މަޖިލީހަށް ވަނީ ބަލައިގެންފައެވެ. މަޖިލީހުގައި މިއަދު އާމިރު ވިދާޅުވީ ނަސީރު ބަލިވުމުން ވެސް އޭނާއަށް ފަރުވާނުދީ ރިސޯޓުން ލަސްކުރި ކަމުގެ ހެކި އާއިލާގެ އަތުގައި އެބަހުރި ކަމަށެވެ. 

އާމިރު ވިދާޅުވި ގޮތުގައި އާއިލާގެ އަތުގައި އޯޑިއޯ ހެކި ވެސް އެބަހުރި ކަމަށާއި މެންބަރުން ބޭނުންވާނަމަ އެ ހެކިތައް ވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ މަޖިލީހަށް ހުށަހެޅީ ވެސް އާއިލާއިން އެކަމަށް އެދޭތީއެވެ. 

އެ ރިސޯޓްގެ މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ އެޗްޕީއޭގެ ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައުމޫނާއެވެ. އެއީ އެޗްޕީއޭއިން ކަނޑިންމަ ރިސޯޓްގައި ކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހުއެވެ.

އެގޮތުން އެޗްޕީއޭއިން ކަނޑިންމަ ރިސޯޓަށް ގޮސް ހިންގި ތަހުގީގުގައި ފާހަގަވި ބައެއް ކަންކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ. އެގޮތުން ކޮވިޑް ބަލީގައި މަރުވި ކަނޑިންމަ ރިސޯޓްގެ މުވައްޒަފު، ދ. އަތޮޅު ހޮސްޕިޓަލަށް ދެއްކިއިރު ރިސޯޓްގެ ރިފާ ލެޓާއެއް ނެތް ކަމާއި އެހެންވެ ރިސޯޓުން އޭނާއަށް ދިން ފަރުވާއެއް އެނގެން ނެތެވެ.

ބަލިމީހާ ހޮސްޕިޓަލަށް ގެންގޮސް އޭނާއާ ގުޅޭ ގޮތުން އެ ހޮސްޕިޓަލަށް ދިން ހިސްޓްރީ އާއި އެޗްޕީއޭގެ ޓީމުން ސުވާލު ކުރުމުން އެމީހާއާ ގުޅޭ ގޮތުން ދިން މެޑިކަލް ހިސްޓްރީ ތަފާތުކަން ވެސް ފާހަގަކޮށްފައިވެއެވެ.

އުމުރުން 60 އަހަރުގެ މީހާ، ދ. ހޮސްޕިޓަލަށް ގެންދިޔަތާ ހަތަރު ގަޑިއިރެއްހާއިރު ތެރޭ ވަނީ މަރުވެފައެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ދެރައެވެ. އޭނާގެ ފަރާތުން ފަރުވާ ދިނުމަށް ރިސޯޓްގައި އާދޭސް ކުރި ކަމަށާއި ހޭނެތުނު ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ރިސޯޓުން ވަނީ ފަރުވާކުޑަކޮށް އިހުމާލުވެފައެވެ. އޭނާ މަރުވެފައިވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ތަހުގީގުގައި އެޗްޕީއޭއަށް ފާހަގަވި ކަންކަމަށް ބަލާއިރު، އޭނާ މަރުވުމުގެ ފަސް ދުވަސް ކުރިން، އޮކްޓޯބަރު 25 ގައި ކަނޑިންމަ ރިސޯޓްގެ މެޑިކަލް ސެންޓަރަށް ދެއްކި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވިއެވެ. ނަމަވެސް ރިސޯޓުން ވެސް އެ ސެންޓަރުގެ ޑޮކްޓަރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އަދި އެކަން ސާފު ކުރުމަށް ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުން ގުޅުމުން ބައްޔަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ނެތް ކަމަށް ރިސޯޓުން އެ ހޮސްޕިޓަލަށް މައުލޫމާތު ދީފައިވާކަން ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.

މީގެއިތުރުން ރިސޯޓްގައި މިހާރު ކޮވިޑް ފެތުރިފައިވާ މިންވަރާއި ގޮތަށް ބަލާއިރު އެ ބަލި ރިސޯޓްގައި އުޅޭތާ މަދުވެގެން ތިން ހަފުތާ ވެދާނެ ކަމަށާއި ރިސޯޓް ހުޅުވުމުގައި އަމަލު ކުރަން ޖެހޭ އެސްއޯޕީއާ އެއްގޮތަށް އަމަލު ކުރެވުނުނަމަ މި މިންވަރަށް ރިސޯޓްގައި ބަލި ފެތެރިގެން ނުދިޔައީސް ކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ. މިހާރު ވެސް ރިސޯޓްގެ 50 މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

އެހެންވެ މިކަމުގައި އިތުރަށް ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަންކަން ވެސް އެކުލެވޭތީ މައިމޫނާ ވަނީ މައްސަލަ ޕޮލިހަށް ހުށަހަޅާފައެވެ. އަދި ކަނޑިންމަ ރިސޯޓްގައި ބަލި ފެތުރުނު ގޮތާއި ފަރުވާ ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ދިނުމަށް ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.