ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. 

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނައިބު ރައީސްވަނީ ސާފުކުރައްވާފައެވެ. އަދި، މި ދާއިރާއިން މީހުން ބިނާކުރުމުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ބައިވެރިވެވަޑައިގެންފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފާއި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑޮކްޓަރ ޝީޒާ ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޢާއިޝަތު ނަޒްހަތެވެ.

މި ބައްދަލުވުމުގައި ގައުމީ ޔުނިވަރސިޓީގެ ބޭފުޅުންވަނީ ސްކޫލް އޮފް މެޑިސިންގައި ހިންގަމުންދާ ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި ކުރެވިދާނެ ކަންކަމުގެ އިތުރުން މެޑިސިންގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރިއަށް ރާވާފައިވާ ޕްލޭންތަކުގެ މަޢުލޫމާތު ނައިބު ރައީސްއާ ހިއްސާކޮށްފައެވެ. މިގޮތުން، ހޮސްޕިޓަލަކާއެކު މެޑިކަލް ސްކޫލެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި، އެކި ބަލި ބައްޔަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފެށުމުގެ މުހިންމުކަން ގައުމީ ޔުނިވަރސިޓީގެ ބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ. އަދި، އަމަލީ ތަމްރީންތައް ފޯރުކޮށްދޭގޮތް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރަމުންދާ އިރު އެ ތަންތަނަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަކީ މުހިންމުކަމެކެވެ. އަދި، މިހާރު ރޭވިފައިވާ ކަންކަމާ އެއްގޮތަށް މަސައްކަތްތައް ކުރަމުން ގެންދިޔުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިރުޝާދު ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.