އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ. މި ސާމާނު ދިވެހި ސަރުކާރާއި ހަވާލުކުރުންއޮތީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ. އެމަނިކުފާނުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.  ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، މަގަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށްތަކަށް ޒިޔާރަތްކުރެވުނު ކަމަށާއި، އޭގެ ތެރެއިން މަދު ރަށެއްގައި މެނުވީ ކުޑަކުދިން މަޖާކޮށްލެވޭނެ މާހައުލެއް ގާއިމްވެފައި ނެތްކަމަށެވެ. އެހެންކަމުން މުޖުތަމައު ބާރުވެރިކުރުމުގެ ސިޔާސަތުތަކުގެ ދަށުން ރަށްރަށުގައި ޕާކްތައް ގާއިމްކުރެއްވުމަށް ނިންމައި އެމަސައްކަތް ފެއްޓެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރައްވަން މަސައްކަތްކުރައްވާނެކަމަށެވެ. ބައެއް ބޭފުޅުންނަށް މިއީ  ކުޑަކުޑަ ޕްރޮޖެކްޓެއް ކަމަށް ހީފުޅުވިޔަސް، މިއީ ޕާކް ބޭނުންވެފައި ތިބި ރަށްތަކުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

އަދިވެސް މިނިސްޓަރ ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އެކުވެރި ގައުމުކަމަށެވެ. 

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އެމަނިކުފާނުވަނީ ގާތުން ބައްލަވާލައްވާފައެވެ. އެގޮތުން، އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވައިދެއްވާފައިވާއިރު، މިއަދު އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއެކު 4 އެމް.އޯ.ޔޫއެއްގައިވެސް ސޮއިކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.