ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު 4 އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ، ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެއަށް ކުރައްވަމުންއަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެވުނު އެމްއޯޔޫ ތަކެކެވެ.

އެގޮތުން ސޮއި ކޮށްފައިވާ އެމްއޯޔޫތަކުގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ ހިލޭ އެހީއާ ގުޅޭ އެމްއޯޔޫއާއި، އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒްއާއި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެމް.އޯ.ޔޫއެކެވެ.

މީގެތެރެއިން، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓާ ގުޅިގެން ސޮއި ކުރެވުނު އެމްއޯޔޫއަކީ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ އެމްއޯޔޫއެކެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް އަކީ ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސޮއި ކުރެވުނު އެމް.އޯ.ޔޫއެކެވެ. 

ދެން ސޮއިކުރެވުނު، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެމް.އޯ.ޔޫއަކީ ހދ ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއާއި ގުޅޭ އެމް.އޯ.ޔޫތަކެކެވެ. މި އެމް.އޯ.ޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1،711،434.60 ރުފިޔާ އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69ރުފިޔާ އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުތަކުގެ ސަބަބުން މުޖުތަމައުގެ ހާލަތު ރަނގަޅުވެ، އިޖުތިމާއީ ގޮތުން ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށް އެހީވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.