މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މި އަހަރު ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު ކުއިޒް 2021" ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.
އެމްއެމްސީން ބުނީ، މި ކުއިޒް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 30ގެ ނިޔަލަށް ކަމަށެވެ.
މި ކުއިޒްގައި ބައިވެރިވުމަށް ރަޖިސްޓްރީއަށް ހުޅުވައިލާނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއެމްސީން ބުނެފައިވާއިރު، މި ކުއިޒުގެ ރަޖިސްޓްރީއަށް ހުޅުވައިލުމުން އެކަން އެމްއެމްސީގެ ފޭސްބްކް، އިންސްޓަރގްރާމް އަދި ޓްވިޓަރ މެދުވެރިކޮށް އާންމުކުރާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021 ގެ ސުވާލުތައް ޝާއިޢު ކުރަމުންދާނީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައެވެ. އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ 13:00 ގައި އެ ދުވަހެއްގެ ސުވާލު ޝާއިޢުކުރެވޭނެއެވެ.
އެމްއެމްސީން ބުނީ، މި ކުއިޒުން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް 3,000 ރުފިޔާ، ދެވަނައަށް އަންނަ ފަރާތަކަށް 2,000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި ކުއިޒްގެ މަޤްސަދަކީ މޯލްޑިވްސް މީޑީއާ ކައުންސިލްގެ މައުލޫމާތާއި، ހިންގާ ހަރަކާތްތަކާއި، އަދި އެހެނިހެން ކަންކަމާއި ގުޅޭގޮތުން އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށްވާއިރު، އެމްއެމްސީގާ އާންމު މައުލޫމާތާއި، މަސައްކަތްތަކާއި ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު އެނގެނީ ކިހާ މިންވަރަކަށްކަން ދެނެގަތުމާއި، ކައުންސިލްގެ މައުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތު، ކުއިޒެއްގެ ޒަރީއާއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި ކުއިޒްގެ އުސޫލު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.