އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ބަދަހިގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި އަހަރަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ހާރިޖީ ގުޅުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވި ކަމަށާއި ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ސަރަހައްދީ ވިޔަފާރި ކުރިއެރުވުމާއި، އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި ކޯވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންނެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއާ ބަބްލް" އެއް ގާއިމުކޮށްދީފައިވާތީ، އެ ކަން ޝުކުރުވެރިކަމާއެކު ރައީސް ފާހަގަކުރެއްވި ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އިންޑިއާއިން ރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫއުތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން "ގްރޭޓާ މާލެ ކަނެކްޓިވިޓީ" ޕްރޮޖެކްޓް ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުން ދޭ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާއި ބޮޑުވަޒީރު ނަރެންދްރެ މޯދީއަށް އެ މަނިކުފާނުގެ ހެޔޮއެދުންތައް ރައްދުކުރައްވާފައިވާ ކަމަށާއި ދެ ގައުމުގެ ގުޅުންތައް ކުރިމަގުގައި ވެސް އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސް އޮފީހުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.