މާލެއަށް ކުރާ ހަރަދުތަކަށް ވުރެ އެހެން ރަށްރަށަށް ކުރާ ހޭދަ ބޮޑު ކުރަން، ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި 2021 ވަނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން މާލެ ސަރަހައްދަށް ކަނޑައަޅާފައި ވަނީ 2.9 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ރާއްޖޭގެ އެހެން އަތޮޅުތަކަށް 3.6 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ފަސް އަތޮޅަކަށް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއަށް 774 މިލިއަން ރުފިޔާ، ރ. އަތޮޅަށް 282 މިލިއަން ރުފިޔާ، ގދ. އަތޮޅަށް 254 މިލިއަން ރުފިޔާ، ލ. އަތޮޅަށް 247 މިލިއަން ރުފިޔާ އަދި ހދ. އަތޮޅަށް 349 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން 100 މިލިއަން ރުފިޔާއަށް ވުރެ ކުޑަ ބަޖެޓެއް ހަތް އަތޮޅަކަށް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވ. އަތޮޅާއި ޅ. އަތޮޅާއި ދ. އަތޮޅާއި ފ. އަތޮޅާއި އދ. އަތޮޅާއި ބ. އަތޮޅާއި އަދި މ. އަތޮޅެވެ.
އަދި 100 މިލިއަން ރުފިޔާ އާއި 200 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދެއްގެ ބަޖެޓެއް އަށް އަތޮޅަކަށް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ފުވަމުލަކާއި އއ. އަތޮޅާއި ގއ. އަތޮޅާއި ތ. އަތޮޅާއި ކ. އަތޮޅާއި ހއ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅެވެ.
މި އަހަރުގެ ބަޖެޓުގައި މާލެއަށް ވުރެ އަތޮޅުތަކަށް އިސްކަން ދީފައިވާއިރު މީގެ ކުރިން ބަޖެޓުތަކުގައި އިސްކަން ދީފައި ވަނީ މާލެ ސަރަހައްދަށެވެ. އެގޮތުން 2020 ވަނަ އަހަރަށް ކަނޑައެޅި ބަޖެެޓުގައި ވެސް މާލެއަށް 3.3 ބިލިއަން ރުފިޔާ ކަނޑައެޅި އިރު އަތޮޅުތަކަށް ކަނޑައެޅީ 2.5 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ ޖުމުލަ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.