ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ފޮރިން މިނިސްޓްރީގައި ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި، ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާއިރު ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ޤައުމުގެ ފޮރިން ސެކްރެޓަރީ އިން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު، ސިއްހީ ދާއިރާއާއިން ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ކޮންސިއުލަރ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މިއަދު މަޝްވަރާކުރެއްވިއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް، 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.