ލ.އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސަރުކާރުން ހިމަނައިފިއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގައި ބަޔާން ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ޒުވާން އާބާދީ ކަމަށާއި މި ދަނޑިވަޅަކީ ކުރިއަށް އޮތް ގަރުނަށް ބެލިކަމުގައި ވީނަމަވެސް ޒުވާނުންގެ އާބާދީ ނިސްބަތުން އެންމެ މަތީގައި ހުންނާނެ ވަގުތު ކަމަށެވެ. 

"ޒުވާނުންނަކީ ގާބިލު ބަޔެއް. ފަންނީ ބަޔެއް. ހިޔާލު ތަނަވަސް ބަޔެއް. މިސަރުކާރުގެ އަމާޒަކީ އަޅުގަނޑުމެންގެ ޒުވާނުންގެ މި ގާބިލިއްޔަތު އިތުރުކޮށް، އަދި މި ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން. އިގުތިސާދު އާރާސްތުކޮށް ވިލުންވެރި އިގުތިސާދެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ޙާލަތުންވެސް ދަސްވި ފިލާވަޅަކީ، ޒުވާނުންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދިނުމުގެ މުހިއްމުކަން ކަމަށާއި ރެޒިލިއަންޓް ވޯކްފޯސްއެއް ބިނާކުރުމުގެ މުހިއްމުކަމެއް ކަމަށެވެ. ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމް ތަކެއް ރޭވިފައިވާ ކަމަށާއި އެގޮތުން ،ލ.އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމާއި ކުޅުދުއްފުށި، ފުވައްމުލައް އަދި ރ.އަލިފުށީގައި އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވާނީ ހިމެނިފައި ކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން ދެ ސަރަހައްދެއްގައި ޖޫނިއާ ކޮލެޖް ގާއިމް ކުރުމާއި ގައުމީ ޔުނިވާސިޓީގެ ވަސީލަތްތައް ގިނަ ސަރަހައްދަކަށް ފުޅާ ކުރުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.