އަންނަ އަހަރުގެ ބަޖެޓަށް ހޯދާ ފައިނޭންސްގެ ބޮޑުބައެއް ހޯދުމަށް ރޭވިފައިވަނީ ރާއްޖެއިން ބޭރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގައި ބަޔާން ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ. 

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ބަޖެޓަށް ފައިނޭންސް ހޯދުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށާއި މީގެ ބޭނުމަކީ ބޭރު ފައިސާ ވަންނަ މިންވަރު މަދުވެފައިވާތީ، މި އަޑިގަނޑުގެ ތެރޭގައިވެސް ރާއްޖޭގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށް އެހީތެރިވުމާއި، ދިވެހި ރުފިޔާގެ އަގުހިފެހެއްޓުމަށް އެހީތެރިވުން ކަމަށެވެ. 

އެގޮތުން އަންނަ އަހަރު 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާ ގުޅިގެން ވިއްކުމަށް ހަމަޖެހިފައިވާ ސުކޫކެއް ކަމަށާއި މި ކަމުގެ އެގްރީމަންޓެއް މިހާރުވެސް އެފަރާތާއެކު ހަދާފައިވާ ކަމަށެވެ. 

މީގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގ ގެ ގޮތުގައި ކުރެވޭނެ ކަމަށާއި މި ބޮންޑުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދޭތޯ މަަސައްކަތްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ޤައުމުތަކާއެކު ފައިނޭންސް ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައިވާ ކަމަށާއި މި މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލެވިފައިވަނީ ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން ކަމަށެވެ. އެގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްފެށި ސަމުރާއީ ބޮންޑު ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިންގ ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރޭވިފައިވާ ކަމަށާއި މިއީ ކުރީ އަހަރު ތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިންގ ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން، ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި މީގެ ބޭނުމަކީ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކް މާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތަކެވެ. އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ފައްސިޔަކުރުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް ކަމަށާއި އަދި އެކި ދިރާސާ ރިޕޯޓްތަކުގެ ރިކޮމެންޑޭޝަނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެހެންކަމުން ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމެނޭ ކަމަށާއި އެގޮތުން 462.6 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.