މިވަގުތަކީ އިޤްތިސާދީ ހަރަކާތްތައް ހުއްޓުނަނުދީ ހިފަހައްޓަންވީ ވަގުތު ކަމަށާއި މި ވަގުތު އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް، ފިސްކަލް ޕޮލިސީގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގައި ބަޔާން ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ. 

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ކުރިއެރުން އަވަސްކޮށް، މި އަޑިގަނޑުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި ނަމަވެސް އިޤްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތައެވެ. 

"މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ. މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަންޖެހޭ. ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާންޖެހޭ. 2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން." މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ކޮވިޑްއާ ހެދި އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑޕީ 29.3 އިންސައްތަ އިން ދަށްވެ، އާމްދަނީ ދަށްވުމާއި ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިވަނީ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެ ކަމަށާއި މިހާރުވެސް ދަނީ ކުރަމުންދާ ކަމަށެވެ.  

"މިކަމުގައި ސަރުކާރުން ދަނީ ތަޖްރިބާކާރުންގެ ލަފާއާއި އިރުޝާދު ބޭނުންކުރަމުން. މިކަމުގައި މި އިއްޒަތްތެރި މަޖުލިހުގެ ލަފާވެސް ބޭނުންކުރަމުން ގެންދާނަން. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' ނުވަތަ ކަމަރު ބާރުކުރުމަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން. ކަމަރު ބާރުކުރަންވާނީ ރިކަވަރީއަށް ފަހު. އޤްތިސާދީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޮވިޑް-19 ގެ ތަދުމަޑުކަމަކީ ކުރު މުއްދަތުގެ މައްސަލައެއް. އަޅުގަނޑުމެން މިއީ އަހަރުތަކަކަށް ދިގުދެމިގެންދާ މައްސަލައަކަށް ހަދައިގެން ނުވާނެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ހާލަތުން އަވަހަށް އަރައިގަނެ އިޤްތިސާދު އަލުން އާރާސްތުކުރުމަށް." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.  

މިނިސްޓަރު އަމީރު ވިދާޅުވީ އަމާޒަކީ ލޯނު ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން ކަމަށާއި އަދި މިކަމަށް ފޯކަސްކޮށް، ކްރެޑިޓަރސް ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ދަނީކުރަމުން ކަމަށެވެ. ޖީ-20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވްގައި މިހާރު މި ވަނީ ބައިވެރިވެފައިވާ ކަމަށާއި މި ސަސްޕެންޝަން 2021 ވަނައަހަރު އިތުރަށް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުންވެސް ތަޖްރިބާކާރުންގެ އެހީއާއެކު ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.