ރިޕޯޓް

އިންޓަނެޓްގެ އަގު ބަދަލުކުރިނަމަވެސް މުއާސަލާތީ ހިދުމަތަށް އައު ކުންފުންޏަކަށް ފުރުސަތުދޭންޖެހޭ

އިންޓަނެޓްގެ އަގު ތިރިކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައިވެސް ހިމެނި "ބޮޑު" އެއް ވައުދަކީ އިންޓަނެޓްގެ އަގު ތިރިކުރުމުގެ ވައުދު އެވެ. ރައީީސް ސޯލިހް 100 ދުވަހުގެ ހާސިލްނުވި މަދު އިންސައްތަ ވައުދުތަކުގެ ތެރޭގައިވެސް އިންޓަނެޓްގެ އަގު ހެޔޮކުރުން ހިމެނިގެންދިޔަ އެވެ. އޭގެއިތުރަށް މަޤާމުގައި ހުންނެވި މިނިސްޓަރު މަޤާމުން ބޭރުކޮށްލި އެއް ސަބަބަކީވެސް އެ ވައުދު ނުފުއްދޭކަމަށް ބުނެ އާންމު ރައްޔިތުން އަމާޒުކުރަމުންގެންދިޔަ ފާޑުކިޔުންތަކޭ ބުނެވިދާނެ އެވެ.

ވެރިކަމުގެ ދައުރު ދެބައިވެ، 2 އަހަރާ 6 މަހާ 11 ދުވަސް ފަހުން ވައުދު ފުއްދުމުގެ ކޮޅުމަތި ދައްކާލީ އިހަކަށް ދުވަހު (27 މެއި 2021) އެވެ. އިންޓަނެޓުގެ އަގުތަކަށް ގެންނަން ކުންފުނިތަކާއެކު އެއްބަސްވި ބަދަލުތައް ސަރުކާރުން އިއުލާންކުރުމާއެކު އެވެ. އެއްބަސްވި އަދަދުތައް ސަރުކާރަށް އިއުލާންކުރެވުނީވެސް، އަގުތައް އިއުލާންކުރާނެކަމަށް ބުނެ ދެ ދުވަސް ދޫކޮށް، ތިން ވަނަ ދުވަހު އެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ކުންފުނިތަކާއެކު އެއްބަސްވެ އިއުލާންކުރީ އެކަން ދެބަޔަކަށް ބަހާލައިގެންކުރާ ގޮތަށެވެ. އެއީ ހޯމް ބްރޯޑްބެއިންޑާއި، މޯބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގަށް ދެ ތާރީހެއްގައި ބަދަލު ގެންނަ ގޮތަށެވެ.

އަގަށް ފުރަތަމަ ބަދަލު ގެންނަނީ ގޭގައި ބޭނުންކުރާ ހޯމް ބްރޯޑްބެއިންޑަށެވެ. އެއީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ދެ މަސް ފަހުން، އޮކްޓޯބަރު 1 ވަނަ ދުވަހަށް މޯބައިލް އިންޓަނެޓްގެ އަގުތަކަށް ބަދަލު ގެންނާނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވެއެވެ.

ހުޅުމާލޭގައި ހިދުމަތް ދިނުމަށް އުރީދޫން ބޭނުންކުރާ ޓަވަރު - ރާއްޖެއަކީ ޖަޒީރާ ޤައުމެއްކަމުން ގިނަ ރަށްރަށުގައި ޓަވަރުތައް ޖަހަން ކުންފުނިތަކަށް މަޖުބޫރުވި -- ފޮޓޯ: އުރީދޫ

އިއުލާންކޮށްފައިވާ އަގުތަކަށް ބަލާއިރު، އެ އަގުތަކުގައި އިންޓަނެޓް ލިބިއްޖެނަމަ އެކަން ވެގެންދާނީ ދިވެހިންނަށް ބޮޑު ހިންހަމަޖެހުމެއް ގެނުވާނެ ކަމަށެވެ. އެހެނީ މިހާރު ލިބެންހުރި އަގުތަކާ އަޅާބަލާއިރު މަހެއްގެ މައްޗަށް 300 ރުފިޔާ ޖީބަށް ލުއިވާނެ އެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ އިންޓަނެޓްގެ އަގުތައް:

ޖުލައި 1 އިން ފެށިގެން ތްރޮޓްލް ސްޕީޑް އެންމެ ކުޑަކޮށް ބެހެއްޓޭނީ 2 އެމްބީޕީއެސްގައެވެ. މިހާރު މަދު ކޭބީއެސް ކޮޅޭއް ލިބޭއިރު، ޔޫޓިއުބްގެ ވީޑިއޯ ކޮލިޓީ 480 ގައި ލޯޑްކޮށްލެވޭނީ ހަމަ ކިރިޔާ އެވެ. ގޭގައި އެކަކު އެއްޗެއް ލޯޑްކުރާނަމަ، ދެވަނަ މީހަކަށް އިންޓަނެޓް ބޭނުމެއްވެސް ނުކުރެވޭނެ އެވެ. އެހެންކަމުން އެ ބަދަލުވެގެންދާނީ ބޮޑު ލުޔަކަށެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން ގޭގައި ބޭނުންކުރާ އިންޓަނެޓްގެ އަގުތަކުން 30 އިންސައްތަ ކުޑަވެގެންދާނެ އެވެ.

މިހާރު އަގުތަކަށް ބަލާނަމަ ދިވެހި ރައްޔިތުންގެ ގުޅުން (ދިރާގު) އިން 25 އެމްބީޕީއެސްގައި 200 ޖީބީ 990 ރުފިޔާ އަށް ވިއްކާއިރު، 15 އެމްބީޕީއެސްގައި 100 ޖީބީ ވިއްކަނީ 690 ރުފިޔާއަށެވެ. އުރީދޫއިން 200 ޖީބީ 1049 ރުފިޔާއަށް ދޭއިރު, 120 ޖީބީ ދެމުންދަނީ 749 ރުފިޔާއަށެވެ.

30 އިންސައްތަ އަގު ކުޑަކޮށްލުމުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 100 ޖީބީ 500 ރުފިޔާއަށް 15 އެމްބީޕީއެސްގައި ލިބޭނެ އެވެ. މިހާރު އުރީދޫން 15 އެމްބީޕީއެސްގައި 75 ޖީބީ ވިއްކަނީ 549 ރުފިޔާ އަށެވެ. ދިރާގުން 15 އެމްބީޕީއެސްގައި 100 ޖީބީ ވިއްކަނީ 690 ރުފިޔާއަށެވެ.

އެވެރެޖްކޮށް މިހާރު 100 ޖީބީ 700 ރުފިޔާއަށް ލިބޭއިރު، ގެންނަ ބަދަލާއެކު 700 ރުފިޔާއަށް 200 ޖީބީ ލިބޭނެ އެވެ. އެއީ އިންޓަނެޓްގެ ސްޕީޑް 25 އެމްބީޕީއެސްގަ އެވެ.

ދިރާގުގެ އައު ހެޑް އޮފީސް - މިހާާރު އެ ކުންފުނީގެ ބޭރުގެ ހިއްސާގެ މިންވަރަކީ 45 އިންސައްތަ -- ފޮޓޯ: ދިރާގު

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، ރާއްޖޭގައި ދޭ އިންޓަރނެޓް ޚިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުންދާނެ އެވެ. އެގޮތުން ރެގިއުލޭޓަރީ ފްރޭމްވަރކް ހަރުދަނާކުރެވި، ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް އިންޓަރނެޓް ސްޕީޑް އަދި ކޮލިޓީ މޮނިޓަރިންގގެ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރެގިއުލޭޓް ކުރުމަކީ މިހާރު އަމާބުނީތީ ފަރަށްދާ އުސޫލުން ކުރާކަމެކެވެ. ޕެކޭޖްގައި އޮންނަ އެއްޗަކާއި، ލިބޭ ހިދުމަތާ ހާސްބައި ނުބައްދަލެވެ. ނަމަވެސް އިއުލާންކޮށްފައިވާ ބަދަލަށް ބަލާއިރު އުފަލަކީ ރެގިއުލޭޓް ކުރާނެކަމަށް ސަރުކާރުން ބުނެފައިވާތީ އެވެ.

ދެންވެސް ރެގިއުލޭޓްކުރާ މިންވަރެއް އެނގޭނީ ބަދަލަށް އަމަލުކުރަން ފެށުމުންނެވެ.

ދެން އޮތީ ބޮޑު ސުވާލު!

ސަރުކާރުންނާއި، ކުންފުނިތަކުން އެއްބަސްވި އަގުތަކަކީ، އަގު ކުޑަކުރެވޭނެ އެންމެ ދަށް މިންވަރުތޯ؟

ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، ގެންނަ ބަދަލާއެކުވެސް ރާއްޖޭގައި އިންޓަނެޓްގެ އަގު ބޮޑުވާނެ އެވެ. ރާއްޖޭގައި އިންޓަނެޓްގެ އަގު ބޮޑުކަމުގެ ވާހަކައަކީ ވޯލްޑް ބޭންކުން ފެށިގެން ބައިނަލްއަޤުވާމީ މާލީ އަދި އިޖްތިމާއީ އިދާރާތަކުންވެސް ފާހަގަކުރަމުން އަންނަކަމެކެވެ. ނަމަވެސް އެކަމަށް ސަރުކާރުތަކުން ދެމުން އައީ ބީރު ކަންފަތެކެވެ. އޭގެ އެއް ސަބަބަކީ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް ދައްކާ އަދަދުތަކުގެ ބޮޑުކަމުން ކަމަށްވެސް ވެދާނެ އެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ތިން ކުންފުންޏަކުން ދިން ނަމަވެސް، ރާއްޖެ އޮންލައިން ތަސްވީރުން މަޑުމަޑުން އެއްފަރާތްވެ، މުއާސަލާތީ ބޮޑު ދެ ކުންފުނިން ވަނީ އިންޓަނެޓްގެ ހިދުމަތުގެ ކޮންޓްރޯލް ނަގާފަ އެވެ. އެ ދެ ކުންފުނިން ކަމަކަށް އެއްބަސްވެއްޖެނަމަ، ރާއްޖޭގެ މުއާސަލާތީ ހިދުމަތުގައި އެކަމެއްވެގެންދެ އެވެ. ރެގިއުލޭޓަރީ އިދާރާތަކަށްވެސް ކުރެވެން މާ ބޮޑު ކަމެއް ނެތީ، ހިދުމަތުގެ ކޮންޓްރޯލް ދެ ކުންފުނިން ނަގާފައިވާ މިންވަރުން އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިރާގުގެ އިވެންޓެއްގައި -- ފޮޓޯ: ދިރާގު

"ޖަޒީރާ" އަށް އެނގިފައިވާގޮތުގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ވައުދު ފުއްދަން ގިނަ ދުވަސް ނެގި ސަބަބަކީވެސް އެ ދެ ކުންފުނި ރުއްސަން ޖެހުމުންނެވެ. ދެ ކުންފުންނަކީވެސް ބޭރު ހިއްސާ އޮންނަ ދެ ކުންފުންޏެވެ. އެގޮތުން ދެ ކުންފުނީގެވެސް ބޭރުގެ ހިއްސާދާރުން އަގުތަކަށް ބަދަލު ގެނައުމަށް ދެކޮޅު ހަދައި، އެކަން ނުކުރަން މަސައްކަތްކުރި އެވެ. ސަރުކާރުން އެންމެފަހުން ދެ ކުންފުނިވެސް މައިތިރިކުރީ އިތުރު ކުންފުންޏަކަށް ރާއްޖޭގެ މާކެޓް ގެންނާނެކަމަށް އިންޒާރު ކުރުމުންނެވެ.

2021 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައިވެސް ވަނީ ދައުލަތަށް އާމްދަނީ ލިބޭނެ ކަންކަމުގެ ތެރޭގައި އިތުރު މުއާސަލާތީ ކުންފުންޏަކަށް ޖާގަ ދިނުން ހިމަނާފަ އެވެ. ނަމަވެސް ދެ ކުންފުނިން ކުޑަކަކޫ މައްޗަށް ތިރިވެ، ގެންނަން އެއްބަސްވި ބަދަލުން އައު ކުންފުންޏަކަށް ޖާގަދީފާނެކަމަކަށް ނުބެލެވެ އެވެ.

1988 ވަނަ އަހަރު ހިދުމަތަށް ނިކުތް ދިރާގުގެ 45 އިންސައްތަ ހިއްސާއަކީ ކޭބަލް އެންޑް ވަޔަލެސްގެ ހިއްސާ އެވެ. ޤަތަރަށް ނިސްބަތްވާ އުރީދޫ ގުރޫޕުން، 2005 ވަނަ އަހަރު ރާއްޖޭގައި ހިދުމަތްދޭން ފެށީ ވަތަނިއްޔާގެ ނަމުގަ އެވެ. އެ އަހަރާއި ޖެހެންދެން ދިރާގުން އައި މުޅި ހިދުމަތް މޮނޮޕްލައިޒް ކޮށްގެން ހިދުމަތްދެމުންނެވެ. ނަތީޖާއަކީ މިވަގުތުވެސް ބައެއް ހިދުމަތްތަކަކީ ހަމައެކަނި ދިރާގަށް ހާއްސަ ހިދުމަތްތަކެއްގެ ގޮތުގައި އޮތް އޮތުމެވެ.

ދިވެހި ރައްޔިތުންގެ ގުޅުމުގެ ހިދުމަތް ދިނުމަށް ބަޙްރެއިން ޓެލެކޮމް އާއިއެކު އެއްބަސްވުމުގައި ސޮއިކުރަނީ - ދިރާގު ވުޖޫދުވިއިރު ކުންފުނީގެ ދިވެހި ސަރުކާރުގެ ހިއްސާއަކީ 45 އިންސައްތަ -- ފޮޓޯ: ދިރާގު

ފެންނަން ހުރި ބައެއް އަދަދުތަކަށް ބަލައިފިނަމަ އިންްޓަނެޓްގެ އަގު ބޮޑުވުމުގައި ދެ ކުންފުނި އެކަނި ބަދުނާމެއްވެސް ނުކުރެވޭނެ އެވެ. އެހެނީ 2019 ވަނަ އަހަރު އެކަނިވެސް މި ދެ ކުންފުނިން ވަނީ ދައުލަތަށް ޓެކުހާއި އާމްދަނީގެ ގޮތުގައި 832 މިލިއަން ރުފިޔާ ދައްކާފަ އެވެ. އެއީ 54 މިލިއަން ޑޮލަރެވެ.

ހިދުމަތުގެ އަގު ތިރިކުރަން ދައުލަތަށް ދައްކަންޖެހޭ އަދަދުތަކަށް ކުޑަ ބަދަލެއް ގެނައިނަމަވެސް އެކަންވާނެކަން އެ އަދަދުތަކުން އެނގެ އެވެ. ނަމަވެސް ދައުލަތަށް އާމްދަނީވެސް ބޭނުންވާނެތީ، އެޅިހައި ބަތަކަށް ރިހަވެގެން ސަރުކާރުތައް އޮތީކަން ވެސް އެނގެ އެވެ.

ދައުލަތަށް ދައްކަންޖެހޭ އަދަދުތަކަށް ބަދަލެއް ގެނެސްފިނަމަ، މިހާރު އިއުލާންކޮށްފައިވާ އަދަދުތަކަށްވުރެވެސް އަގު ތިރިކުރެވޭނެ އެވެ. ރައްޔިތުންގެ ޖީބުތަކަށް ލުޔެއް ގެނެސްދެވޭނެ އެވެ.

ވާދަވެރިކަމަށް އައު ކުންފުންޏެއް ބޭނުންވޭ!

1988 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރު ވަތަނިއްޔާ ވުޖޫދުވުމާއި ހަމައަށް ދިރާގުން ނެގި އަގުތަކާއި، ހިދުމަތްދިން ގޮތަށް ބަލާއިރު، ރާއްޖޭގެ މާކެޓަށް އަދިވެސް އިތުރު ކުންފުންޏެއް ބޭނުންވެ އެވެ. އަދި އައު ކުންފުންޏަކަށް ހުޅުވާލެވޭ ޖާގައާއެކު ހިދުމަތުގެ ފެންވަރު ހާހުން ބަދަލުވެ، އަގުތައްވެސް ވެއްޓިދާނެ އެވެ. ވަތަނިއްޔާ އައުމުގެ ކުރިން ދިރާގުން ސިމް ކާޑެއް ވިއްކީ 500 ރުފިޔާ އަށެވެ. މިއަދު އެއީ 20 ރުފިޔާގެ ފައިދާއާއެކު، 30 ރުފިޔާއަށް ލިބޭ އެއްޗެކެވެ.

2005 ވަނަ އަހަރު ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދިނުމަށް ވަތަނިއްޔާއަށް ސަރުކާލުން ލައިސެންސް ހަވާލުކުރަނީ -- ފޮޓޯ: އުރީދޫ

ދިރާގުން ވާދަވެރިޔަކު ނެތި ދެމުން އައި ހިދުމަތުގެ ތެރެއަށް އޭރުގެ ވަތަނިއްޔާއަށް ސަރުކާރުން ލައިސެންސް ދިނީވެސްދޭ ހިތަކުން ނޫނޭ ބުނެވިދާނެ އެވެ. އެހެނީ 2005 ވަނަ އަހަރު ވަތަނިއްޔާއަށް އޭރުގެ ސަރުކާރުން ލައިސެންސް ދިނީ ހަ މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ހިދުމަތް ދިނުމަށް މަޖުބޫރުކޮށްގެން ކަމަށްވާތީ އެވެ. ބައްތެއްޔާއި، ބޮއްކުރާ އަތޮޅުތެރޭގެ ދަތުރުފަތުރަށް ބޭނުނުންކުރި އެ ދުވަސްވަރުވެސް ވަތަނިއްޔާއިން ވަނީ ސަރުކާރުން މަތިކުރި ބޮޑު ޝަރުތުވެސް ފުރިހަމަކޮށް ހިދުމަތްދޭން ފަށައިފަ އެވެ.

އެހެންކަމުން އައު ކުންފުންޏަކަށް ލިބޭ ޖާގައާއެކު، އެކަން މާ ކުރު މުއްދަތެއްގެ ތެރޭގައި ކޮށް ނިންމާލެވޭނެކަމަށް ބެލުމުގެ ފުރުސަތު ލިބިދެ އެވެ.

ރަށްރަށުގައި ބޫތުތައް ހަރުކޮށް، މުއާސަލާތުކުރުމަށް ބަޔަކު ބޫތު ބޭނުން ކުރަނީ -- ފޮޓޯ: ދިރާގު

ޑިސެމްބަރު 2020 ގެ އަދަދުތަކަށް ބަލާއިރު ރާއްޖޭގައި މޯބައިލް ސިމް ކާޑު ބޭނުންކުރާ އަދަދަކީ 717,708 (ހަތް ލައްކަ ސަތާރަ ހާސް ހަތް ސަތޭކަ އަށެއް) އެވެ. އެއީ ރާއްޖޭގެ އާބާދީއަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އެހެންކަމުން ހިދުމަތަށް ޖާގަ ހުޅުވާލައިފިނަމަ، ބޮޑެތި މުއާސަލާތީ ކުންފުނިތަކުގެ މިސްރާބު ރާއްޖެއަށް ހުންނާނެކަމަށް ދެކުމުގެ ޖާގަ އެބައޮތެވެ. އެއިރަށް ވާދަވެރިކަން އިތުރުވެ، އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ހިދުމަތުން ފެނިގެންގޮސްދާނެ އެވެ.

ދެންވެސް އޮތް ސުވާލަކީ ސަރުކާރަށް އެކަން ކުރަން ކެރިދާނެެ ބާއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމާއި ގުޅޭ ބައެއް ހަބަރުތައް:

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ބުރާސްފަތި ދުވަހު އިއުލާންކުރަނީ

އިންޓަނެޓްގެ އަގާ މެދު އަދި ގޮތެއް ނުނިންމޭ: ފައްޔާޒް

އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ރެގިއުލޭޓަރީ ބަދަލުތަކެއް!

"މިނިސްޓަރު ވަކިކުރުމަކުން އިންޓަނެޓްގެ އަގު ހެވެއްނުވާނެ"

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %