ބައިނަލްއަޤުވާމީ އާއިލާއިން ރާއްޖެ ބަލައިގަތީ ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރިއަށްދާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އދ. އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ހޮވުމާއި ގުޅިގެން މަރުހަބާ ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވީ ބައިނަލްއަޤުވާމީ އާއިލާއިން ރާއްޖެ ބަލައިގަތީ، ދިވެހިރާއްޖެވެސް ބައިނަލްއަޤުވާމީ އާއިލާއަށް ހުޅުވުމުން ކަމަށެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ބަލައިގަނެ، ޑިމޮކްރަސީގެ މަގުގައި ކުރިއަށްދާކަމީވެސް ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޤައުމެއްގެ ހަޔާތުގައި އަންނާނެ ދަނޑިވަޅުތަކެއް، ހިނދުކޮޅުތަކެއް، އެ ޤައުމެއް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކުރާ ކަންތައްތަކެއް."
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ފަހުރެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ ޑިމޮކްރަސީއަށް ފުރޮޅާލުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ މިނިސްޓަރ އަބްދުﷲ ޝާހިދަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ.