އެކިއެކި ރަށްރަށުގައި ސަރުކާރުން ހިއްކާފައިވާ ބިންތަކުން އާންމު ފަރާތްތަކަށް ބިން ވިއްކުމަށް ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފިއެވެ. މީގެއިތުރުން ރަށްރަށުގެ ފަޅުތައް ތަރައްގީ ކުރުމަށް ހުޅުވާލަން ވެސް ވަނީ ނިންމާފައެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގައި ބަޔާން ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ،

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

ކޮވިޑާ ގުޅިގެން އިގުތިސޯދު ވަރަށް ބޮޑަށް މި އަހަރު ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރުގެ އާމްދަނީ ވެސް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންވެ ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ބައެއް ކަންކަން ތައާރަފް ކުރުމަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ.

އެގޮތުން ރަށްރަށުގެ ބިން ވިއްކުމާއި ފަޅުތައް ތަރައްގީ ކުރުމަކީ މިފަދަ އެއް ކަމެވެ. ދެން އިތުރަށް ތައާރަފް ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެއާޕޯޓް ސާވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ހުއްދަ ދިނުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، އެ ސިނާއަތުން އާމްދަނީ ހޯދުމާއި އުތުރާއި ދެކުނުން އާ ރިޒޯޓްތައް ތަރައްޤީކުރުމަށް ހުޅުވާލުން ހިމެނެއެވެ.

މީގެއިތުރުން ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމާއި ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުންނަށް ވިއްކުމާއި ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްޤީކުރަން ވެސް ވަނީ ނިންމާފައެވެ. ޕާކިން ސްލޮޓް ކުއްޔަށްދީ ކޮންޖެޝަން ޗާޖެއް ނެގުމަށް ވެސް ސަރުކާރުން ނިންމައި އެކަން ބަޖެޓްގައި ވަނީ ހިމަނާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.