ރާއްޖޭގައި އާ އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދެން ހުޅުވާލަން ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފިއެވެ. މީގެކުރިން ވެސް މިފަދަ ކަމެއް ސަރުކާރު ކުރުމަށް އުޅޭ ކަމުގެ އަޑުތައް އަރާފައިވެއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގައި ބަޔާން ދެއްވާފައެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ، 

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ. 

ކޮވިޑާ ގުޅިގެން އިގުތިސޯދު ވަރަށް ބޮޑަށް މި އަހަރު ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރުގެ އާމްދަނީ ވެސް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންވެ ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ބައެއް ކަންކަން ތައާރަފް ކުރުމަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ. 

އެގޮތުން އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަކީ މިފަދަ އެއް ކަމެވެ. ދެން އިތުރަށް ތައާރަފް ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެއާޕޯޓް ސާވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، އެ ސިނާއަތުން އާމްދަނީ ހޯދުމާއި އުތުރާއި ދެކުނުން އާ ރިޒޯޓްތައް ތަރައްޤީކުރުމަށް ހުޅުވާލުން ހިމެނެއެވެ. 

މީގެއިތުރުން ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމާއި ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުންނަށް ވިއްކުމާއި ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްޤީކުރަން ވެސް ވަނީ ނިންމާފައެވެ. ޕާކިން ސްލޮޓް ކުއްޔަށްދީ ކޮންޖެޝަން ޗާޖެއް ނެގުމަށް ވެސް ސަރުކާރުން ނިންމައި އެކަން ބަޖެޓްގައި ވަނީ ހިމަނާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.