ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ އިން ރާއްޖެއަށް ހަދިޔާކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީއެވެ. އަދި މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ޔޫއެންޑީޕީ އިން ހަދިޔާކުރި ޕީޕީއީގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓް، 10،080 އެން-95 މާސްކް، 5000 ސާޖިކަލް ގައުންސް، 6000 ސަރޖިކަލް މާސްކް، 400 ގޮގްލްސް، 6000 ހެޑް ކަވާސް، 5000 ޝޫ ކަވާސް އަދި 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލަވްސް އެވެ. މިތަކެތި ބޭނުންކުރާނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ޔޫއެންޑީޕީ އިން ރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގުދުރަތީ ގޮތުން ދިމާވާ ކާރިސާތަކާ ކޮވިޑް-19 ފަދަ ބަލިމަޑުކަމުގައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓާ ޝާހިދު ފާހަގަކުރެއްވި އެވެ.

ޕީޕީއީ ތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދާފައިވާ އެއް މިލިއަން ނަން-ސާޖިކަލް މާސްކްވެސް މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ. މި މާސްކްތައް ބޭނުންކުރެވޭނީ ޔޫއެންޑީޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކީ ފޫޖީ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށާއި، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލެވިގެންދާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީޕީއީތައް މުހިއްމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވިއެވެ. 

ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައާއި، ކޮވިޑް-19ގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ޓީމުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.