އޮޑިޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރު ކޮށްފިއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ، ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުގެ މުއްދަތު، 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްދީފައި ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވަނީ، 15 އަދި 16 ޖޫން 2021 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ކަމަށް އެ އޮފީހުން ބުނެއެވެ.
އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ 10 ޝަރުތު:
- މުސްލިމަކު ކަމުގައިވުން.
- ދިވެހި ރައްޔިތަކު ކަމުގައިވުން.
- ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން.
- އުމުރުން 35 އަހަރު ވެފައިވުމާއެކު، 65 އަހަރު ވެފައިނުވާ މީހަކު ކަމުގައިވުން.
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން، އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
- އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތަޢުލީމާއި ޤާބިލުކަން ހުރި މީހަކު ކަމުގައިވުން. އެގޮތުން، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާޢަތެއްގެ މެންބަރެއް ކަމުގައިވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 7 (ހަތެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
- ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ނުވުން.
އޮޑިޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި ހަސަން ޒިޔަތު މިދިޔަ މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޒިޔަތު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާއިން މަންފާވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި ވަނިކޮށެވެ.