އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ބޮޑުތަފާތަކުން ދިވެހިރާއްޖެ ކާމިޔާބުކޮށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެ މަޤާމަށް ހޮވިވަޑައިގެންފައިވާތީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އެމްޑީޕީން ބުނީ މި ކާމިޔާބަކީ މިނިސްޓަރ ޝާހިދަށާއި، ދިވެހި ސަރުކާރަށާއި، ޕާޓީއަށާއި، އަދި މުޅި ދިވެހިރާއްޖެއަށް ލިބިގެންދިއަ ބޮޑު ޝަރަފަކާއި ޢިއްޒަތެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ މިހާ އިސް މަޤާމެއް ފުރުމަށް ރާއްޖޭގެ ރައްޔިތަކު އިންތިޚާބުކުރެވުނު ފުރަތަމަ ފަހަރުކަން އެޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީން ބުނީ މިނިސްޓަރ ޝާހިދަކީ ޚާރިޖީ ދާއިރާގައާއި ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކުރެއްވި ތަޖްރިބާކާރެއް ކަމަށެވެ. އަދި އެމަނިކުފާނު މި ފަހަރު ހޮވިވަޑައިގެންފައިވާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ ޙައިޞިއްޔަތުން ދިވެހިރާއްޖެއާ ގުޅުންހުރި ކަންކަމުގައާއި މުޅި ދުނިއެއަށް ފައިދާވަނިވި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެޕާޓީން ބުންޏެވެ.

އެމްޑީޕީން ވަނީ މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅުތަކަކީ ކާމިޔާބު މަސައްކަތްޕުޅުތަކަކަށްވުމަށް އެދޭކަމަށް ބުނެފަ އެވެ.

ނިޔު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ވޯޓުލުމުގައި ވޯޓުގައި ބައިވެރިވި 191 މެމްބަރު ޤައުމުތަކުގެ ތެރެއިން 143 ޤައުމުގެ ވޯޓުން މިނިސްޓަރ ޝާހިދު ކާމިޔާބު ހޯއްދަވާފައިވަނީ ދެން ވާދަކުރި ޤައުމު ކަމުގައިވާ އަފްޣާނިސްތާނުގެ މައްޗަށެވެ.

އެމަނިކުފާނުގެ ދައުރު ފެށޭނީ 14 ސެޕްޓެމްބަރ 2021 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.