މި ހިނގާ 2020 ވަނަ އަހަރު ނިމުމުގެ ކުރިން 25 އެއާލައިނަކުން ދިވެހިރާއްޖެއަށް ދަތުރުކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާކޮށްފިއެވެ. އެކަން އެ މިނިސްޓްރީއިން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު ނެރުނު ތަފާސްހިސާބުތަކުގައެވެ.

އެގޮތުން، އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިވަގުތު ދިވެހިރާއްޖެއަށް ދަތުރުކުރަނީ 15 އެއާލައިނަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ބްރިޓިޝް އެއާވޭސް، އެޑެލްވެއިސް، ލުފްތަންސާ، އޮސްޓްރިއަން އެއާލައިންސް، ޓަރކިޝް އެއާލައިންސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ، އެމިރޭޓްސް، އެތިހާދް އެއާވޭސް، ގޯ އެއާ، އިންޑިގޯ، އެއާ އިންޑިއާ، ސްރީލަންކަން އެއާލައިންސް، އެއިރޮފްލޮޓް، ސްޕައިސްޖެޓްއެވެ. 

މީގެތެރެއިން، އެންމެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެ ދަތުރުކޮށްފައިވަނީ އެމިރޭޓްސް އަދި ގަތަރު އެއާވޭސްއިންނެވެ. އެމިރޭޓްސްއިން 16،276 ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ގަތަރު އެއާވޭސްއިން 15،690 ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޑިސެމްބަރު މަހު ނިމުމުގެ ކުރިން އިތުރު 10 އެއާލައިނަކުން ދިވެހިރާއްޖެއަށް ދަތުރުކުރާނެއެވެ. އޭގެތެރޭގައި ހިމެނެނީ، ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސް، ނޯޑްވިންޑް، އަޒުރް އެއާ ރަޝިއާ، އެއާ ސީޝެލްސް، އެލިޓާލިއާ، އެއާ ފްރާންސް، އަޒުރް އެއާ ޔޫކްރެއިން، ކޮރިއަން އެއާ، ނިއޯސް ސްޕާ، އަދި ގަލްފް އެއާއެވެ. 

މީގެތެރެއިން އެއާ ސީޝެލްސް އަދި ގަލްފް އެއާއިން އަންނަ މަހުގެ ކުރީ ކޮޅު ދަތުރު ފަށާނެކަން އިއުލާންކޮށްފައިވާއިރު، ލިސްޓުގައި ނުހިމެނޭ އެއާ އަސްޓާނާއިންވެސް ވަނީ އަންނަ މަހުގެ ކުރީކޮޅު ދިވެހިރާއްޖެއަށް ދަތުރުކުރަން ފަށާނެކަމަށް ބުނެފައެވެ. 

އިތުރު އެއާލައިންތަކުން ދިވެހިރާއްޖެއަށް ދަތުރުކުރަން ފެށުމާއެކު، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. 15 ޖުލައިގައި ބޯޑަރު ހުޅުވި ފަހުން ނޮވެމްބަރު 4ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖެއައި 44،365 ފަތުރުވެރިން ހިމަނައިގެން، މި އަހަރު ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 400،000 އަށްވުރެ އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެ މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ދިވެހިރާއްޖެ ގެނައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.