އަލްފާ ވޭރިއަންޓް (ޔޫކޭ ވޭރިއަންޓް) އަށް ވުރެ 40 އިންސައްތަ އަވަހަށް ޑެލްޓާ ވޭރިއަންޓް (އިންޑިއާ ވޭރިއަންޓް) ފެތުރޭ ކަމަށް ޔޫކޭގެ ހެލްތް މިނިސްޓަރ މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.
ޔޫކޭގެ ހެލްތް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ޔޫކޭގައި ކޭސްތައް އިތުރުވެފައި ވަނީ، ޑެލްޓާ ވޭރިއަންޓް ފެތުރިގެންނެވެ. މީގެކުރިން އެ ގައުމުގައި ފެތުރުނީ އަލްފާ ވޭރިއަންޓެވެ. އަލްފާ ވޭރިއަންޓް ފެތުރި، އެ ގައުމު ވަނީ މިއަހަރު ޖެނުއަރީގައި ލޮކްޑައުން އަކަށް ވެސް ގޮސްފައެވެ.
އަލްފާ ވޭރިއަންޓް ފުރަތަމަ ދެނެގަނެވުނީ ވެސް ޔޫކޭއިންނެވެ.
ބައިނަލްއަގްވާމީ މީޑިއާއަކަށް މައުލޫމާތުދެއްވަމުން ޔޫކޭގެ ހެލްތް މިނިސްޓަރ ހެންކޮކް ވިދާޅުވީ، އަލްފާ ވޭރިއަންޓަށްވުރެ 40 އިންސައްތަ ހަލުވި ކަމާއެކު ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަން ދެނެގަނެވުނީ، ޔޫކޭ ސަރުކާރުގެ ސައިންޓިފިކް އެޑްވައިޒަރުން، ސޭޖްގެ ފަރާތުންކަމަށްވެސް ހެންކޮކް ވިދާޅުވިއެވެ.
މިނިސްޓަރ ހަންކޮކް އިތުރަށް ވިދާޅުވީ، ޔޫކޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މިމަހު 21 ގައި ލުއި ދޭން ޔޫކޭ ސަރުކާރުން ނިންމާފައިވީ ނަމަވެސް، ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާގޮތަށް ބަލާ، ޖޫން 21 ގައި ލުއިތައް ދޭން ދަތި ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ހަފްތާއަކަށް ހާލަތަށް ބެލުމަށްފަހު، ލުއި ދޭނީތޯ ނޫނީ ލުއި ދިނުން ފަސް ކުރާނީތޯ ނިންމާނެ ކަމަށެވެ.
40 އިންސައްތަ އަވަހަށް ޑެލްޓާ ވޭރިއަންޓް ފެތުރޭކަމަށް ޔޫކޭގެ ހެލްތް މިނިސްޓަރ ވިދާޅުވެފައިވާއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޑެލްޓާ ވޭރިއަންޓާއި، އަލްފާ ވޭރިއަންޓުން ވެސް ދިފާއު ލިބޭ ކަމަށް ދިރާސާއަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން މިދިޔަ މަހު ވަނީ ބުނެފައެވެ.
ޔޫކޭގައި މިހާތަނަށް 27 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވާއިރު، 40 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ އެއް ޑޯޒް ޖަހާފައެވެ.
ޔޫކޭގެ ހެލްތް މިނިސްޓަރ ވިދާޅުވީ، މިވަގުތަށް އޭނާއަށް ދެވޭނެ އެންމެ ރަނގަޅު ސައިންޓިފިކް ނަސޭހަތަކީ، ވެކްސިންގެ އެއް ޑޯޒް ފުރިހަމަ ކުރިއަސް ޑެލްޓާ ވޭރިއަންޓުން އެހާ ބޮޑު ރައްކާތެރިކަމެއް ނުދޭ ކަމަށެވެ. ނަމަވެސް ދެ ޑޯޒް ފުރިހަމަ ކުރުމުން ޑެލްޓާ ވޭރިއަންޓުން ބޮޑު ރައްކާތެރިކަމެއް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.