މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރައީސްކަމާއި ޗެއާޕާސަންގެ މަގާމް އަދާ ކުރެއްވި ކަމަށާއި ނަމަވެސް ދީނާ ހިލާފު ވާހަކަތައް ބަޔާން ކުރާ ރިޕޯޓެއް ނެރުނު ހަނދާން ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"ގެ ނަމުގައި ދީނާ ހިލާފު ކަންކަމާއި ރަސޫލާއަށް ކުޑައިމީސްކޮށް އެތައް ވާހަކަތަކެއް ބަޔާންކޮށް ވަނީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގެ މައްސަލަ ހޫނުވެ، މިހާރު ޖަމިއްޔާ ވެސް އުވާލާފައިވާއިރު އެމްޑީއެންގެ ރިޕޯޓު ނެރުނު އިރު އެ ޖަމިއްޔާ ހިންގުމާ ހަވާލުވެ ހުންނެވީ މިހާރުގެ ޕީޖީ ޝަމީމް ކަމަށް ދާދި ފަހުން ވަނީ އަޑުފެތުރިފަ އެވެ.

ދިވެހިރާއްޖޭގެ އަޑަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ޝަމީމް ވިދާޅުވީ އޭނާ މީގެ ކުރިން އެތައް ޖަމިއްޔާތަކެއްގައި މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން އެމްޑީއެންގެ ވެސް ރައީސް ކަމާއި ޗެއާޕާސަންގެ މަގާމް އަދާ ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އޭނާ އެމްޑީއެންގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެފަދަ ރިޕޯޓެއް ނެރުނު ހަނދާނެއް ނުވާ ކަމަށާއި އެފަދަ ރިޕޯޓެއް ތައްޔާރު ކުރުމުގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ވެސް ނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. 

"ހަނދާނެއް ނެތް އެކަހަލަ ރިޕޯޓެއް ނެރުނު ކަމެއް. ނެރުނަސް އަޅުގަނޑު ހުރީކީ މަލޭގައެއް ވެސް ނޫން. އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި. އޭގެ އެއްވެސް ކަމެއްގައި ބައިވެރިވެފައެއް ނޯންނާނެ،" ޝަމީމް ވިދާޅުވި އެވެ.

އެމްޑީއެންގެ ޖަމިއްޔާ އުވާލުމުގެ އިތުރުން އެކަމާ ގުޅޭ މައްސަލައެއް ފުލުހުން ވެސް ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ފުލުހުން ހިއްސާ ނުކުރެ އެވެ. އަދި އެ މައްސަލާގައި ރިޕޯޓް ނެރުމުގައި އިސްކޮށް ހުރި ފަރާތްތައް ރާއްޖެއިން ބޭރުގައި ހުރުމުން ހާޒިރުކޮށްފައެއް ނުވެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.