މާލެ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ސެގްމެންޓް 1 ގެ ދަށުން ތަރައްގީ ކުރަމުން އަންނަ ހަނދުވަރީ ހިނގުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

ހަނދުވަރީ ހިނގުމުގު ބްލޮކް 3 ކާއި 4 އެއްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ޖޫން މަހުގެ 2 ވަނަ ދުވަހު އަލުން މަސައްކަތް ފަށާފައިވާ ކަމަށް އާރުޑީސީއިން ވަނީ މިއަދު ބުނެފައެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުން އަންނަނީ އެ ހިނގުމުގެ ބްލޮކް 3 އަދި 4 ގެ މަސައްކަތެވެ. ހަމައެހެންމެ އެ މަގުގެ ފުރަތަމަ ދެ ބްލޮކްގެ މަސައްކަތް ނިމި އާއްމުންނަށް އެ މަގުތައް ހުޅުވާލެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އާރުޑީސީގެ ފަރާތުން މިހާރު ހިންގަމުން އަންނަ އެންމެ ބޮޑު ޕްރޮޖެކްޓަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގަމުން އަންނަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މުނިޔާ މަގުގެ 3 ބްލޮކެއްގެ މަސައްކަތާއި، ޝަހީދް އަލީ ހިނގުމުގެ ބައެއް ބްލޮކްތަކުގެ މަސައްކަތާއި ފުލޫނިޔާ މަގުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް އަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ.

މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.