ފުޓްސަލް ދަނޑުތަކާއި އާންމު ޕާކްތައް ހުޅުވާލަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. 

ކޮވިޑްގެ ހާލަތާ ގުޅިގެން މާލޭގެ ފުޓްސަލް ދަނޑުތަކާއި އައުޓްޑޯ ކުޅިވަރު ކުޅޭ ތަންތަން އަދި މުބާރާތް ފަދަ ކަންކަން ބޭއްވުން މަނާކުރިއެވެ. އެއާއެކު މާލޭގެ ޕާކްތަކާއި އެހެން ވެސް މީހުން ގޮސްއުޅޭ ތަންތަން ބަންދުކުރިއެވެ. 

މާލޭގައި ފުޓްސަލް ދަނޑުތައް ހުޅުވުން ލަސްވާތީ ޒުވާނުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ. މިއަދު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ކުޅިވަރު ކުޅުމަށް ބޫޓަށް އަރައި ނާޑުވާ ބާރުކޮށްގެން ތިބުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. އެއީ ދަނޑުތައް ހުޅުވާލާކަމުގެ އިޝާރާތެއް ދެއްވުމުގެ ގޮތުންނެވެ. 

މާލޭގައި ކޮވިޑްގެ ހާލަތު ދެވަނަ ފަހަރަށް ގޯސްވުމަށްފަހު މިހާރު ވަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެފައެވެ. އެހެންވެ އެޗްޕީއޭއިން ވަނީ މިއަދު ފެށިގެން އާ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މިރޭ ލުއިތައް އިއުލާން ކުރާނެއެވެ.

އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންޓެކްޓް ސްޕޯޓްސް އާއި ކުޅިވަރު އެކަޑަމީ އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދޭނެއެވެ. އަދި، 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކުޅިވަރު ބަލަން ދިޔުމުގެ ހުއްދަ ވެސް ދޭނެއެވެ. 

ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަ އަދިއެއް ނުދޭނެއެވެ. 

މާލޭގައި މާސްކާއި ގައިދުރުކަން ބެހެއްޓުމާއެކު 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް އެއްވެ އުޅުމުގެ ހުއްދަ ވެސް ދޭން ވަނީ ނިންމާފައެވެ. އެއާއެކު، މީހުން އެއްތަނަކަށް އެއް ނުވާ ގޮތަށް ގައިޑްލައިންތަކާ އެއްގޮތަށް ޕާކްތަކާއި ދާރުލްއާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލަން ވެސް ވަނީ ނިންމާފައެވެ. 

މީގެއިތުރުން ގޭގައި މަސައްކަތް ކުރާ ހައިރިސްކު ފަރާތްތައް ކަނޑައަޅާފައިވާ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުމުގެ ހުއްދަ ވެސް ދޭން ވަނީ ނިންމާފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލުއިތަކުގެ ތެރޭގައި ހޯމް ކަރަންޓީނުގެ އުސޫލު އެންމެ ފުރަތަމަ އޮތް ގޮތަށް ބަދަލު ކުރުން ވެސް ހިމެނެއެވެ. އެގޮތުން ދެން ހޯމް ކަރަންޓީނުވާން ޖެހޭ ގޮތަށް ހުރިހާ ބޭނުމަކަށް މާލެއިން އެހެން ރަށްރަށް ދިޔުމުގެ ހުއްދަ ދޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ކާފިއު ގަޑި މިރެއިން ފެށިގެން ރޭގަނޑު، 12:00 ން ފަތިހު 4:00 އަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.