ރައްޔިތުންގެ މަޖިލީހަށް ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުން ކަމަށް ބުނެ ޑިފެންސް އިން ފޮނުވި ސިޓީ އާއި ގުޅިގެން އެކަމުގައި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ގަބޫލުނުކުރައްވާކަމަށް ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީގެ މަސައްކަތްތަަކުގެ އެންމެ ފަހުގެ މައުލޫމާތުތައް މީޑިއާއަށް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީން އެއްވެސް އިރެއްގައި މަޖިލީހުގެ އިމްތިޔާޒަށް އެއްވެސް ފަރާތަކުން އަރައިގެންފައިވާކަމަށް ނިންމާފައިނުވާނެކަމަށެވެ. އަދި އެއީ ކޮމެޓީގެ މެންޑޭޓްގައިވެސް ހިމެނޭކަމެއް ނޫންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މައުލޫމާތު ހޯދުމަށް ކޮމެޓީން ހުށަހަޅާނީ މަޖިލީހުގެ އިދާރާއަށްކަމަށެވެ. ކޮމެޓީން ބޭނުންވާ މައުލޫމާތު އިދާރާތަކުން އެއްކޮށް، ކޮމެޓީއަށް ފޯރުކޮށްދިނުމުގެ މަސައްކަތަކީ މަޖިލީހުގެ އިދާރާގެ މަސައްކަތެއްކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ނިންމުމަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވަމުން އަސްލަމް ވިދާޅުވީ އިމްތިޔާޒްގެ މައްސަލައިގެ ބަހުސް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވެންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ކުއްލިއަކަށް ދަންވަރު ކޮމެޓީއެއް ބޭއްވުމަށްފަހު، އިމްތިޔާޒްގެ މައްސަލައެއް ކަމަށް ނިންމާއިރު، މައްސަލަ ރައްދުވާ ފަރާތެއްވެސް ނޭނގޭކަމަށް ވިދާޅުވެ އަސްލަމް ވަނީ އިމްތިޔާޒްގެ މައްސަލާގައި މަޖިލީހުގެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.
ކޮމެޓީތަކަށް މައްސަލަ ހުށަހަޅަންޖެހޭ ތަރުތީބާ، އުސުލުތަކަށް ހުރިހާ ބޭފުޅުންވެސް ރަނގަޅަށް އަމަލުކުރެއްވުމަކީ މުހިންމުކަމެއްކަމުގައި އަޅުގަނޑު ދެކެނީ.
އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވި އެވެ. މަޖިލިހީގުގެ 241 ކޮމެޓީއަށް ސިފައިން ހާޒިރުކުރުމާއި ގުޅޭގޮތުން ފޮނުވި ސިޓީގައި އޭނާ ސޮއިކުރައްވާފައިވާތީ އެވެ. އެގޮތުން އެ ސިޓީގައި ވަނީ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުން ކަމަށް ބަޔާންކޮށްފަ އެވެ.
އެ މައްސަލާގައި ޕީޖީން ލަފާދީފައިވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ.
ޕީޖީގެ ލަފާ މަޖިލިސްއަށް: ޒަމީލްގެ މައްސަލަ ފުލުހަށް ހުށަހަޅާ