މާލެ ސިޓީއިން އެހެން ރަށްރަށަށް ދަތުރު ކުރުމުގައި ލުއި ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މާލޭ ސިޓީގައި ކޮވިޑްގެ ހާލަތު އެންމެ ފުރަތަމަ ގޯސްވުމަށްފަހު ރަނގަޅުވުމާއެކު ރަށްރަށަށް ހޯމް ކަރަންޓީނުގެ އުސޫލުން ދެވޭ ގޮތަށް ހެދިއެވެ. އެއާއެކު މާލޭގައި ތާށިވި ގިނަ ބަޔަކު ރަށްރަށަށް ދިޔައެވެ.
ނަމަވެސް ދެވަނަ ފަހަރަށް މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާއެކު އެ އުސޫލު ހަރުކަށިކުރިއެވެ. އެގޮތުން ހޯމް ކަރަންޓީނުވާ ގޮތަށް ރަށްރަށަށް ދެވޭނީ ވަކި ހާއްސަ ހާލަތްތަކެއްގައި ކަމަށް ކަނޑައެޅިއެވެ. ނަމަވެސް އެ އުސޫލުގެ ދަށުން ވެސް ގިނަ ބަޔަކު ރަށްރަށަށް ދިޔައެވެ.
މާލޭގައި މިހާރު އަނެއްކާވެސް ވަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެފައެވެ. އެހެންވެ އެޗްޕީއޭއިން ވަނީ މިއަދު ފެށިގެން އާ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މިރޭ ލުއިތައް އިއުލާން ކުރާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލުއިތަކުގެ ތެރޭގައި ހޯމް ކަރަންޓީނުގެ އުސޫލު އެންމެ ފުރަތަމަ އޮތް ގޮތަށް ބަދަލު ކުރުން ވެސް ހިމެނެއެވެ. އެގޮތުން ދެން ހޯމް ކަރަންޓީނުވާން ޖެހޭ ގޮތަށް ހުރިހާ ބޭނުމަކަށް މާލެއިން އެހެން ރަށްރަށް ދިޔުމުގެ ހުއްދަ ދޭނެއެވެ.
ހޯމް ކަރަންޓީނުގައި އެހެން މީހުންނާ ބައްދަލު ނުވެ 14 ދުވަހު ހުންނަން ޖެހެއެވެ. އެއަށްފަހު ކޮވިޑް ޓެސްޓް ހަދަން ޖެހެއެވެ. ކަރަންޓީނުން ދޫކޮށްލާނީ ކޮވިޑަށް ނެގެޓިވްނަމައެވެ. ހޯމް ކަރަންޓީނަށް ރަށްރަށަށް ދިޔަ ގިނަ ބަޔަކު ވެސް ޕޮޒިޓިވްވެފައިވެއެވެ.