ޕާކިސްތާނުގައި 2 ރޭލެއް ޖެހި ހިނގި އެކްސިޑެންޓްގައި މިހާތަނަށް 33 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޕާކިސްތާނުގެ ސިއްހީ އިސް އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ، ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ދަރްކީގައި 2 ރޭލު އެކްސިޑެންޓްވެގެން ހިނގި މި ހާދިސާގައި މިހާތަނަށް 33 މީހަކު މަރުވެ، 120 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

ޕާކިސްތާނުގައި ހިނގި ރޭލު އެކްސިޑެންޓް - ފޮޓޯ: އޭއެފްޕީ
ހާދިސާ ހިނގި ސަރަހައްދުގައި ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނައިރު، 2 ރޭލުން ދަތުރުކުރި އިތުރު މީހުން އެކްސިޑެންޓްވީ ސަރަހައްދުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ޕާކިސްތާނުގައި ހިނގި ރޭލު އެކްސިޑެންޓާއެކު ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ރެއިލްވޭ މިނިސްޓަރ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ސިއްހީ ހިދުމަތް ރަނގަޅަށް ފޯރުކޮށްދޭތޯ ބަލައި، މަރުވި މީހުންގެ އާއިލާތަކަށް ހިތްވަރު ދިނުމަށް އަންގާފައިވާ ކަމަށްވެސް އިމްރާން ހާންގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
Shocked by the horrific train accident at Ghotki early this morning leaving 30 passengers dead. Have asked Railway Minister to reach site & ensure medical assistance to injured & support for families of the dead. Ordering comprehensive investigation into railway safety faultlines
— Imran Khan (@ImranKhanPTI) June 7, 2021
މީގެއިތުރުން މިފަދަ ހާދިސާއެއް ތަކުރާރުވިޔުނު ނުދިނުމަށް އިމްރާން ހާން ވަނީ މި އެކްސިޑެންޓްގެ ފުރިހަމަ ތަހުގީގެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާނުގައި މިފަދަ ނުރައްކާތެރި ރޭލު އެކްސިޑެންޓެއް އެންމެ ފަހުން ހިނގާފައިވަނީ 2019 ވަނަ އަހަރެވެ. ގޭސް ކެނިސްޓަރއެއް ގޮވައިގެން ހިނގި އެ ހާދިސާގައި 73 މީހަކު ވަނީ މަރުވެފައެވެ.