މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިންކަމް ޓެކުހުގެ ސުންގަޑިތައް ފަސްކޮށްފިއެވެ.

މިރާއިން ބުނީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން (MIRA 604)، (MIRA 605) އަދި (606 MIRA) ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 31 އޮގަސްޓު 2021 އަށް ފަސްކޮށްފައިވާ ކަމަށެވެ. މިއާއެކު، 2021 ވަނަ އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން (603 MIRA) ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑިވެސް 30 ސެޕްޓެންބަރު 2021 އަށް ވަނީ ފަސްކޮށްފައެވެ.

މީރާއިން މި ސުންގަޑިތައް ފަސްކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިއާޔަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި އެ އޮތޯރިޓީން އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް މި ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކޭނެއެވެ.

މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި، ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ، އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ، ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައިޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ހިދުމަތް ހޯއްދުމަށްވެސް މީރާއިން ވަނީ  އިލްތިމާސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.