15 ޖުލައިގައި ބޯޑަރު ހުޅުވި ފަހުން ނޮވެމްބަރު 4ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖެއައި 44،365 ފަތުރުވެރިން ހިމަނައިގެން، މި އަހަރު ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 400،000 އަށްވުރެ އިތުރުވެއްޖެއެވެ.

އެގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، 1 ޖެނުއަރީ 2020 އިން 4 ނޮވެމްބަރު 2020 އަށް ދިވެހިރާއްޖެ އައިސްފައިވަނީ 427،212 ފަތުރުވެރިންނެވެ. އަދި ބޯޑަރުތައް ޖުލައި 15 ވަނަ ދުވަހު ހުޅުވާލިފަހުން، ކޮންމެ މަހަކުވެސް ދިވެހިރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެގޮތުން، ޖުލައި 15 އިން ޖުލައި 31 އަށް ރާއްޖެއަށް 1،701 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޮގަސްޓް މަހު ޒިޔާރަތްކޮށްފައިވަނީ 7،628 ފަތުރުވެރިންނެވެ. މިއީ ޖުލައިމަހާއި އަޅައިބަލާއިރު 4 ގުނަ އިތުރުއަދަދެކެވެ. ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖެހިގެން އައި އޮކްޓޯބަރު މަހު އެ އަދަދު ވަނީ ދެ ގުނަ އިތުރުވެފައެވެ. އެގޮތުން، އޮކްޓޯބަރު މަހު 21،515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޯޑަރުތައް ހުޅުވާލިފަހުން ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރާނެކަމަށް ބެލެވެނީ މި ހިނގާ ނޮވެމްބަރު މަހުއެވެ. އެގޮތުން، ނޮވެމްބަރު 1ވަނަ ދުވަހަކީ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއް ދުވަހަކު ދިވެހިރާއްޖެ ޒިޔާރަތްކުރި ދުވަހެވެ. އެގޮތުން، އެދުވަހު 1،590 ޓޫރިސްޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ނޮވެމްބަރު 1އިން ނޮވެމްބަރު 4ވަނަ ދުވަހާއި ހަމައަށް 3،983 ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް 996 ފަތުރުވެރިންގެ އެވުރެޖެކެވެ. 

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ އެގޮތުން އެގައުމުގެ 9،519 ފަތުރުވެރިޔަކު ރާއްޖެ އައިސްފައިވެއެވެ. ދެވަނައިގައި އިނގިރޭސިވިލާތް އޮތްއިރު ތިންވަނައިގައި އޮތީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. އަދި ހަތަރުވަނައިގައި އެމެރިކާ އޮތްއިރު ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ.

މިހާތަނަށް ބޯޑަރު ހުޅުވާލިފަހުން އޮކްޓޯބަރު މަހުގެ ނިޔަލަށްވަނީ 1،138 ފްލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައެވެ. ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން ވަނީ ބޯޑަރ މައިލްސް ޕްރޮގްރާމެއް ތާރަފްކޮށްފައެވެ. އަދި ދެކުނު އޭޝިއާގެ އެންމެ ފުރަތަމަ އެއަރ ބަބަލް ވެސް ރާއްޖެ އަދި އިންޑިއާ އާ ދެމެދު ވަނީ ގާއިމްކުރެވިފައެވެ. އަދި ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް މަސްތަކުގައި ވެސް ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަން ވަނީ ހާމަކޮށްފައެވެ. 

ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެ މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ދިވެހިރާއްޖެ ގެނައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.