ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައެއް ނުވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިހެން ބުނެފައިވަނީ، ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައި ސްރީ ލަންކާގެ ޑިޕާޓްމެންޓް އޮފް ފިޝަރީސް އެންޑް އެކުއަޓިކް ރިސޯސަސް އިން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއް ކަމަށް ބެލެވޭ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދިއުމާ ގުޅިގެންނެވެ. 

އެގޮތުން، ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފޮރިން މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފައިވާކަމަށެވެ.

އޮކްޓޯބަރުމަހުގެ 16ވަނަ ދުވަހު ސްރީލަންކާގެ ފޮރިން މިނިސްޓަރ، ފިޝަރީޒް މިނިސްޓަރ އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއެކު ބައްދަލުކުރެއްވުމަށްފަހު، ކުރިއަށް އޮތްތާގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް މަސްބޭރުކުރުމުގައި ހުރަހެއް ނޯންނާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުވެސް ވަނީ ވިދާޅުވެފައެވެ. 

ސްރީލަންކާއިން އެގައުމުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެ ގައުމުން ލިބޭ ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން މަޑުޖައްސާލީ އޮގަސްޓްމަހުގެ ފަހުކޮޅުއެވެ. މިއީ އެ ގައުމުގައި އުޅޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިތުރުކޮށް، ވިޔަފާރީގެ ވާދަވެރިކަން ނައްތާލުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމެކެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.