އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެ ވަޑަައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 8 އިން 10 އަކަށެވެ. މިއީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް ހަރްޝް ވަރްދާން ޝްރިންގްލާ ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ދެ ފަރާތުންވެސް މުހިންމު ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ބެލެވެއެވެ. އެގޮތުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެއިތުރުންވެސް، އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެއެވެ.
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާ 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާނެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.