ރާއްޖޭގެ ދަރަނި ބޮޑުވުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިން ކުރަމުން އަންނަ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ކުރުން ބަލައިގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ ފިޗުގެ ރޭޓިންއާ މެދު ނުރުހުން ފާޅުކޮށް އެ ބަލައިނުގަންނަ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީއިން ބަޔާން ނެރެފައިވަނިކޮށެވެ. 

ހޮންކޮންގެ ފިޗް ރޭޓިން އިން އިއްޔެ ނެރުނު ރޭޓިންގައި ބުނެފައި ވަނީ ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކޮށްފައިވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކާއި 'ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ދަރަނި ބޮޑުވެ، އިގްތިސާދަށް ހީނަރުކަމެއް އައިސްފައިވާތީ ކަމަށެވެ.

ފިޗުން ބުނެފައިވާ ގޮތުން ސަރުކާރުން ބޭރުގެ އެހީ ހޯދުމުގައި މިދިޔަ މަހެއްހާ ދުވަސް ކުރިއެރުން ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކެއް ކުރިމަތިވާން ޖެހިފައިވާ ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން 2009 އެއްގެ ފައިނޭންޝިއަލް ކްރައިސިސް އާއި ސުނާމީގެ ކާރިސާއާ ގުޅިގެން އިގްތިސާދަށް ކުރި ގެއްލުމަށް ވުރެ ބޮޑު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފިޗުން ބުނެފައިވެ އެވެ.

އެއަށް ރައްދުދީ ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ، ސޮވެރިން ޑިފޯލްޓަކަށް ރާއްޖެ ނުދާ ކަމަށެވެ. ކޮވިޑްގެ ހާލަތު ސަރުކާރުން މެނޭޖްކުރަމުން އަންނައިރު ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަަ ކަމަށެވެ.

އެކަމަށް އިޝާރަތް ކުރައްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗު ރޭޓިން ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުތައް ރާއްޖެއިން އަޑުއަހަން ޖެހޭނެ ކަމަށެވެ. ޗައިނާގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރެވިއްޖެނަމަ ރާއްޖެ ޑިފޯލްޓަކަށް ނުދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަަށް ޓޫރިޒަމް ރަނގަޅުވެ ދަތުރުފަތުރުތައް އިތުރުވަމުންދާއިރު އުއްމީދު އެބަ އޮތް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.