ޔޫރޯ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަރުމަނުން ހޯދުން

ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި 0-1 ގެ ނަތީޖާއިން ޕޯޗުގަލް ބަލިކޮށް، ޖަރުމަނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ސްލޮވޭނިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޕޯޗުގަލްއިންނެވެ. އެގޮތުން އެޓީމުންދިޔައީ ޖަރުމަނުގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ.

ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ޖަރުމަނުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ، ޕޯޗުގަލްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އަދި ހަމަލާތައް އުފެއްދުމަށް ޖަރުމަނުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފް ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ހަތަރުވަނަ މިނެޓު ތެރޭގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ރިޑެލް ބަކޫގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޫކަސް ނިމެޗާއެވެ.

މި ލަނޑާއެކު ޕޯޗުގަލްއިން ނަތީޖާ ހަމަހަމަ ކުރަން ފުލުފުލުގައި މަސައްކަތް ކުރި ނަމަވެސް، އެޓީމަށް އެކަން ކުރުމުގެ ފުރުސަތު މެޗު ނިމުނު އިރުވެސް ލިބިފައެއް ނުވެއެވެ. މިއާއެކު، ޖަރުމަނުން ވަނީ އެޓީމުގެ 3ވަނަ ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކުރުމަށް އެހީތެރިވެދިން ބަކޫއެވެ. އަދި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ޕޯޗުގަލްގެ ފަބިއޯ ވިއެރާ ހޮވިފައިވާއިރު، 4 ލަނޑާއެކު ޓޮޕް ސްކޯރަރގެ މަގާމު ހޯދާފައިވަނީ ފައިނަލް މެޗުގައި ލަނޑު ޖެހި ޖަރުމަންގެ ނިމެޗާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.