ރާއްޖޭގެ ދަރަނި ބޮޑުވުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިން ކުރަމުން އަންނަ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި އެވެ.
ހޮންކޮންގެ ފިޗް ރޭޓިން އިން އިއްޔެ ނެރުނު ރޭޓިންގައި ބުނެފައި ވަނީ ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކޮށްފައިވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކާއި 'ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ދަރަނި ބޮޑުވެ، އިގްތިސާދަށް ހީނަރުކަމެއް އައިސްފައިވާތީ ކަމަށެވެ.
ފިޗުން ބުނެފައިވާ ގޮތުން ސަރުކާރުން ބޭރުގެ އެހީ ހޯދުމުގައި މިދިޔަ މަހެއްހާ ދުވަސް ކުރިއެރުން ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކެއް ކުރިމަތިވާން ޖެހިފައިވާ ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން 2009 އެއްގެ ފައިނޭންޝިއަލް ކްރައިސިސް އާއި ސުނާމީގެ ކާރިސާއާ ގުޅިގެން އިގްތިސާދަށް ކުރި ގެއްލުމަށް ވުރެ ބޮޑު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފިޗުން ބުނެފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފިޗް ރޭޓިން ދަށްވެފައިވީ ނަމަވެސް މިދިޔަ ދެ އަހަރު ރާއްޖޭގެ ފިޗް ރޭޓިން ވަނީ "ސްޓޭބަލް" އައުޓްލުކް އެކެވެ.