ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާފައިވާ މޮޑާރނާ އަދި ޖެންސެން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރާއްޖޭގައި ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މި ދެ ވެކްސިން ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ މިއަދުއެވެ. އެގޮތުން ދެ ވެކްސިންއަށް ވެސް ހުއްދަ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އޮން އިމަރޖެންސީ ސިޓުއޭޝަން" ގައި ބޭނުންކުރުމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށެވެ.

މި ދެ ވެކްސިންއާއެކު ކޮވިޑާއި ދެކޮޅަށް ރާއްޖޭގައި ހަ ވެކްސިންއަކަށް ހުއްދަ ދީފައިވެއެވެ. މީގެކުރިން ވަނީ އެމެރިކާގެ ފައިޒަރ ވެކްސިން އާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އަދި ޗައިނާގެ ސިނޮފާމް ވެކްސިންގެ އިތުރުން ރަޝިއާގެ ސްޕަޓަނިކް ވެކްސިންއަށް ވެސް ހުއްދަ ދީފައެވެ. މީގެތެރެއިން ސަރުކާރުން މިހާރު މަސައްކަތްކުރަމުން އަންނަނީ ސްޕަޓްނިކް ވެކްސިން ހޯދުމަށެވެ.

މި ދެ ވެކްސިން ވެސް ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިކަމުގައި ފުރިހަމަކުރަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށްފައި ކަމަށާއި އަދި ހުއްދަ ދީފައިވަނީ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާއި އިރުޝާދާއެކު ކަމަށް ވެސް ބުނެފައިވެއެވެ.

ދުނިޔޭގެ 49 ގައުމެއްގައި ވަނީ އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް މޮޑާރނާ ވެކްސިންއަށް ހުއްދަ ދީފައެވެ. އަދި ޖޯންސަން ވެކްސިންއަށް 42 ގައުމެއްގައި ހުއްދަ ދީފައިވެއެވެ.

މި ދެ ވެކްސިން ގެނައުމުގެ އެންމެހާ ކަންކަން ވެސް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ރާއްޖޭގެ އިދާރާތަކުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.