ސަރުކާރު ހިއްސާ ކުންފުނިތައް ނުވަތަ އެސްއޯއީތަކަށް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުން މިހާރަށްވުރެ ބޮޑަށް ފުރުސަތު ހޯދައިދިނުމަށް ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ ގޮވާލައްވައިފިއެވެ.
މުޣުނީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މުޣުނީ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް އެސްއޯއީތަކަކީ ވަރަށް އިސްކަންދޭ ޝަރަފުވެރި ބައެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެސް އެސްއޯއީތައް ތަރައްގީ ކުރުމަށް ވިސްނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް އެސްއޯއީތަކަށް އޮންނަނީ އަޅާނުލެވިއެވެ. ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުން އެންމެ އެކަށީގެންވާ ފުރުސަތުތައް ލިބެމުން ނުދާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ހިންގާ ރީނިއުބަލް އެނާޖީ މަޝްރޫއުތަކުން ސްޓެލްކޯއަށް މިހާތަނަށް އެއްވެސް ފުރުސަތެއް ލިބިފައިނުވާކަން ފާހަގަ ކުރެއްވިއެވެ.
މުޣުނީ ވިދާޅުވީ އެކަންކަމަށް ކޮންސަލްޓޭޓުންގެ ގޮތުގައި ވެސް ގެންނަނީ ރާއްޖޭގެ މާހައުލު ވެސް ނޭނގޭ، މާފިކާޅާ ބައެއް ކަމަށެވެ. އޭގެ ބަދަލުގައި އެސްއޯއީތަކުގައި ތިބި ކިޔަވައިގެން ތިބި ގާބިލް އެތައް ބަޔަކު އެބަތިބި ކަމަށާއި އެ ފަރާތްތަކަށް މި ފުރުސަތުތައް ދީފިނަމަ ތަޖުރިބާ ލިބި، އެސްއޯއީތައް ވަރުގަދަ ވެގެންދާނެ ކަމަށެވެ.
އެހެންނަމަވެސް އެ މަންޒަރު ފެންނަމުން ނުދިޔުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ރާއްޖޭގައި އެއް ބްރިޖް އަޅާފައިވާއިރު އެ މަސައްކަތް ކުރި ގޮތެއް އެނގޭ ދިވެއްސަކު ނެތް ކަމަށެވެ. އޭގެ ބަދަލުގައި ނޮލެޖްޓްރާންސްއިން ނަމަވެސް ފުރުސަތު ދޭނަމަ، ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ ގައުމު ތަރައްގީ ކުރުމުގައި އެސްއޯއީތަކަކީ ވަރަށް ބޮޑު ރޯލެއް އަދާކުރާ ބައެއް ކަމަށާއި އެހެންވީމަ އެ ފަރާތްތައް ބާކީކޮށްގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ވެސް އެކަމަށް ފޯކަސް ކުރައްވައި ގިނަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކޮށް ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގެ އެސްއޯއީތަކަކީ ހަމައެކަނި ރާއްޖޭގައި މަޝްރޫއު ހިންގާ ބައެއްގެ ގޮތުގައި ބޭތިއްބުމުގެ ބަދަލުގައި ގިނަ ފުރުސަތުތައްދީ، އެހެން ގައުމުތަކުގައި ވެސް މަސައްކަތް ކުރެވޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ. އެމްޓީސީސީ ފަދަ ކުންފުނިތަކަކީ އެ ގާބިލްކަން ހުރި ކުންފުނިތައްކަން ވެސް ފާހަގަ ކުރެއްވިއެވެ.
ސްޓެލްކޯގެ އެމްޑީ ވިދާޅުވީ މި ސަރުކާރަށް ވެސް ދެން އޮތީ ބާކީ ތިން އަހަރު ކަމަށާއި ބޭނުން ވަނީ ވީހާވެސް ގިނަ އަދި ބޮޑެތި ކަންތައްތައް ކުރުން ކަމަށެވެ. ރައްޔިތުން ބަލައިގަންނާނީ ހަަމައެކަނި ކޮށްދޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.