ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ ފެއިލްވި ގޮތާއި ގުޅިގެން ހަދަމުންދާ ޕާލިމެންޓްރީ އިންކުއަރީއަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ހާޒިރުކޮށްފިއެވެ.
މިދިޔަ މަހުގެ 6 ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިންކުއަރީ ހަދަމުންދަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އަސްލަމްގެ އިތުރުން މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ ހާޒިރުކޮށްފައެވެ.
އިންކުއަރީގެ ބޭނުމަށްޓަކައި ސުވާލުކުރަން ޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ފެށީ އިއްޔެއެވެ. އެގޮތުން އެންމެ ފުރަތަމަ ހާޒިރުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ހަމީދަށް ފަހު ވަކި ވަކި ފުލުހުން ވެސް ކޮމިޓީއަށް ހާޒިރުކުރިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން ސަލާމަތީ ބާރުތަކުގެ 40 އަށް ވުރެ ގިނަ ފަރާތްތައް މި އިންކުއަރީގެ ބޭނުމަށްޓަކައި ކޮމިޓީއަށް ހާޒިރުކުރެވޭނެއެވެ. ކޮމިޓީން ލަފާކުރަނީ މި އިންކުއަރީ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.